އިންޑިއާއިން ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން ސ. ގަމުގައި ބޭނުން ކުރާ އުޅަނދު މަރާމާތު ކުރަން ފޮނުވާލަންޖެހޭތީ، އާ ހެލިކޮޕްޓަރެއް ހިފައިގެން އެ ގައުމުން އައި މަނަވަރު އައްޑޫގައި ބަނދަރުކޮށްފި އެވެ.
އިންޑިއާގެ މަނަވަރު އައްޑޫ ގަމުގައި އޮތްކަން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އާ ހެލިކޮޕްޓަރު ގެނައުމާއި އަލަށް އައި މަދަނީ މީހުންގެ ކަންކަން ބެލުމަށް އިންޑިއާ ހައި ކޮމިޝަނުގެ އޮފިޝަލުންވެސް މިހާރު ދަނީ އައްޑޫގައި ހަރަކާތްތެރިވަމުންނެވެ.
މިހާރު އައްޑޫގައި އޮތް ހެލިކޮޕްޓަރު މަރާމާތައް ފޮނުވާލާ އާ ހެލިކޮޕްޓަރެއް ގެންނަކަން ޑިފެންސް މިނިސްޓްރީން ހާމަކުރީ މި މަހުގެ 26 ގައި ނެރުނު ބަޔާނެއްގަ އެވެ. އަދި ފެބްރުއައީ 27 އިން ފެށިގެން މަރާމާތު ކުރަން ފޮނުވާލާ ހެލިކޮޕްޓަރުގެ ޓެސްޓު ފްލައިޓުތަކެއްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
"ސ. ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކޮޕްޓަރު މަރާމާތަށް އިންޑިއާއަށް ގެންދިޔުމަށްޓަކައި ފެބްރުއަރީ 27، 2024 އިން ފެށިގެން އެ ހެލިކޮޕްޓަރުގެ ޓެސްޓު ފްލައިޓުތަކެއް ކުރިއަށްގެންދާނެ. އަދި މި ހެލިކޮޕްޓަރު ގެންދިޔުމަށާއި އޭގެ ބަދަލުގައި ގެންނަ ހެލިކޮޕްޓަރު ހިފައިގެން އަންނަ އިންޑިއާގެ މަނަވަރު ފެބްރުއަރީ 28، 2024، ވަނަ ދުވަހު އައްޑޫ ސިޓީއަށް އައުމަށް ވަނީ ހަމަޖެހިފަ،" ޑިފެންސް މިނިސްޓްރީގެ އެ ބަޔާނުގައި ބުނެފައިވެ އެވެ.
ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިންގެ ބަދަލުގައި ގެންނަ މަދަނީ މީހުންގެ ފުރަތަމަ ބެޗު ރާއްޖެ އައިސްފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ. އެއީ ގަމުގައި ދުއްވާ ހެލިކޮޕްޓަރު އޮޕަރޭޓު ކުރާނެ މީހުން ކަމަށް ސަރުކާރުން ބުންޏެވެ.

"ސ. ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކޮޕްޓަރު ދުއްވުމަށް މިހާރު އައްޑޫގައި ގާއިމްވެފައި ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު އޮޕަރޭޓު ކުރުމަށް އަންނަ ސިވިލިއަން ކްރޫ މިއަދު ހަވީރު ވަނީ ދިވެހިރާއްޖެއަށް އައިސް،" މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓު ދުއްވަން ގާއިމުވެ ތިބޭ 89 ސިފައިން ރާއްޖެއިން ފޮނުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަނެފައިވާތީ އިންޑިއާއިން މިހާރު ވަނީ އެކަމަށް އެއްބަސްވެފަ އެވެ.
ދެ ގައުމުގެ ވާހަކަތަކަށް ފަހު އެއްބަސްވީ އެ އުޅަނދުތައް އޮޕަރޭޓު ކުރަން ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެނައުމަށެވެ. އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ މާޗް 10، ގެ ކުރިންނެވެ. ފަހު ބެޗު ރާއްޖެއިން ދާނީ މެއި 10، ގެ ކުރިންނެވެ.












