ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނާ ގޮތަށް ގެނައި ބަދަލުތައް ހިމެނޭގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކުގެ މައްސަލައިގައި ސަރުކާރުން ސުޕްރީމް ކޯޓަށް ވައްދާފައިވާ ދުސްތޫރި މައްސަލާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.
މި މައްސަލާގައި މިހާތަނަށް ބޭއްވި ހަމައެކަނި އަޑުއެހުމުގައި ސަރުކާރުގެ ފަރާތުން އެދިގެން ސުޕްރީމް ކޯޓުން ވަނީ މަޖިލީހުގެ ގަވާއިދުގެ މާއްދާތަަކަށް ގެނައި އިސްލާހަށް އަމަލުކުރުން ހުއްޓުވާފަ އެވެ. އެހެން ނަމަވެސް އިދިކޮޅުން ކޮންޓްރޯލު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކުރީ އެ އަމުރަށް ތަބާނުވުމަށެވެ.
މަޖިލީހުން ބޭއްވި ޖަލްސާއެއްގައި މިގޮތަށް ނިންމީ ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރާ މެދު ކަންބޮޑުވުން ފާޅުކޮށް އަ އަމުރަށް އަމަލުކުރުމާ މެދު ގޮތެއް ނިންމަން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ހުށަހެޅުއްވުމާ ގުޅިގެންނެވެ.
ސަރުކާރުން މި މައްސަލަ ކޯޓަށް ހުށަހެޅީ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނާ އަދަދު 87 އިން 80 އަށް ތިރިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ އެވެ. ކޯޓުން މި މައްސަލައިގައި ވަގުތީ އަމުރު ނެރުނީ ސަރުކާރުން ތުހުމަތުކުރާ ގޮތަށް ގާނޫނު އަސާސީއާ ރައްޔިތުންގެ މަޖިލީހުން ހިލާފުވެފައިވުމަކީ އަމުރެއް ނެރެން ޖެހޭ ހާލަތެއް ކަމަށް އެ މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗަށް ގަބޫލުކުރެވިގެންނެވެ.
އެ އަޑުއެހުން ނިންމާލައްވަމުން ފަނޑިޔާރުން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ މައްސަލައިގައި ހުކުމް އިއްވުން ކަމަށެވެ. އަދި ދުސްތޫރީ މައްސަލަތަކަކީ ސުޕްރީމް ކޯޓުން އަވަސް މައްސަލަތަކެއްގެ ގޮތުގައި ގޮތެއް ކަނޑައަޅަން ޖެހޭ މައްސަލަތަކެއް ވެސްމެ އެވެ.

މައްސަލާގެ ފަސްފަހަތް
ގާނޫނު އަސާސީގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް އިންތިހާބުކުރި 87 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓެވެ.
ނަމަވެސް ސަރުކާރާ ގުޅުނު ހަތް މެމްބަރުންގެ ގޮނޑި ހުސްވި ފަހުން އިދިކޮޅު އެމްޑީޕީގެ ކޮންޓްރޯލުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކުން ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފަސޭހަކޮށް، މަޖިލީހުގެ މެންބަރުންގެ ޖުމުލަ އަދަދާއި އަގުލަބިއްޔަތު ގުނާ ގޮތަށް ބަދަލުގެނަ އެވެ.
ގަވާއިދަށް ގެނައި ބަދަލުގައި ވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންނަކީ އެ ވަގުތެއްގައި މަޖިލީހުގައި ދެމިތިބި މެންބަރުން ކަމަށެވެ. އެހެންވެ، ޖުމުލަ މެންބަރުންގެ ގޮތުގައި 87 މެންބަރުން ތިބި ކަމަށް ބެލުމުގެ ބަދަލުގައި 80 މެމްބަރުންނަށް ތިރިވީ އެވެ.
މިއާ ގުޅިގެން މަޖިލީހުގައި ކަންކަން ފާސްކުރަން ކަނޑައަޅާފައިވާ އަގުލަބިއްޔަތުގެ މިންވަރުތަކަށް ބަދަލު އައިސް ރައީސާއި ނައިބު ރައީސް އަޒުލުކުރަން ބޭނުންވާ ވޯޓުގެ އަދަދު 54 އަށް ތިރިވި އެވެ. މިހާރު މަޖިލިސް ބެހިފައި އޮތް ގޮތުން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން ގުޅިގެން ލިބޭ 57 ވޯޓުން ރައީސް އަޒުލުކުރެވޭނެ އެވެ.













