އައްޑޫ ސިޓީގައި ދެ ކާރެއް ޖެހި ހނގި އެކްސިޑެންޓެއްގައި ކާރެއް ފުރޮޅާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލް ކައިރީ ހިނގި މި އެކްސިޑެންޓުގައި ދެ ކާރު ޖެހި، އެއް ކާރު ފުރޮޅައިލި ނަމަވެސް އެ އެކްސިޑެންޓްގައި މީހަކަށް ކަމެއް ނުވެ އެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ މެދެއާރި މަގާއި ޝަރަފުއްދީން މަގު ގުޅުނު ކަންމަތީގައި ދެ ކާރެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 6:51 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށާއި، އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ.
އެކްސިޑެންޓުގައި ދެ ކާރަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި ކަމަށާއި، އެކްސިޑެންޓުގައި ކާރު ދުއްވި ދެ މީހުން އަތުގައިވެސް ލައިސަންސް އޮތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އެއް ކާރު ދުއްވީ އައްޑޫ ހައިސްކޫލްގައި މަސައްކަތް ކުރާ އަންހެން ޓީޗަރެކެވެ. އަދި އަނެއް ކާރު ދުއްވީ ފިރިހެން ފުލުހެކެވެ.

އެ އެކްސިޑެންޓް ގެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.













