ވިލާ ކޮލެޖުގައި ދަރިވަރުންނާއި މުވައްޒަފުންނަށް ހާއްސަ ޖިމެއް މިއަދު ހުޅުވައިފި އެވެ.
ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގައި ހުންނަ މި ޖިމް ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިޝަނާ އޮފް ސްޕޯޓް މުހައްމަދު ތޮލާލް އެވެ.
ވިލާ ކޮލެޖުން ބުނި ގޮތުގައި ޖިމަކީ އެ ކޮލެޖުގެ އިތުރުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުން އަދި މުވައްޒަފުން ބޭނުންކުރުމަށް ހުޅުވި ތަނެކެވެ.
އެ ޖިމް ހުޅުވުމުގެ މަގުސަދަކީ ދަރިވަރުންނާއި މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމާއި، މުވައްޒަފުންނާއި ދަރިވަރުންނަށް ދެމުންދާ ހިދުމަތްތައް އިތުރަށް ފުޅާ ކުރުން ކަމަށް ވެސް އެ ކޮލެޖުން ބުންޏެެވެ.
"މި ފެސިލިޓީގެ ސަބަބުން ދަރިވަރުންނާއި މުވައްޒަފުންނަށް ފިޓްނަސް ރޫޓިންތަކުގައި ބައިވެރިވެ، އެމީހުންގެ ހެޔޮ ދުޅަހެޔޮކަމަށް އިސްކަން ދިނުމަށް ޖާގަ ލިބޭ" ވިލާ ކޮލެޖުން ބުނެ އެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތޮލާލް ވިދާޅުވީ ހުރިހާ އުމުރެއްގައި ވެސް ކަސްރަތުކޮށް ދުޅަހެޔޮކޮށް ތިބުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާ، ކެމްޕަހުގައި ފިޓްނަސް ސެންޓަރެއް ހުރުމަކީ ދަރިވަރުންނާއި މުވައްޒަފުންނަށް ލިބުނު ބޮޑު ނަސީބެއް ކަމަށެެވެ.
އެ ޖިމް ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށްފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ހުޅުވާފައި ހުންނާނެ ކަމަށާއި، ހުކުރު ދުވަހު ހުޅުވިފައި ހުންނާނީ ފަތިހު 5:00 އިން 10:00 އަށް އަދި ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ.
ވިލާ ކޮލެޖުން ބުނީ އެ ކޮލެޖަށް ޖިމެއް އިތުރުވުމަކީ ކޮލެޖަށް ދިރުން ގެނައުމަށް ކުރާ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.













