އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރަން އެންމެ ފަހުން ނިންމި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ނެތަސް، ޓްރޭޑް އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ފިޔާ ލިބޭނެ ކަމަށް އިންޑިއާއިން ބުނެފި އެވެ.
އިންޑިއާގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ، ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައިވާ ޓްރޭޑް އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ދިނުމަށް ކަނޑައަޅާފައިވާ ކޯޓާގެ ދަށުން ފިޔާ ލިބޭނެ ކަމަށެވެ.
އެގޮތުން އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ކަނޑައަޅާފައިވާ ކޯޓާގެ ދަށުން ފިޔާ ލިބުމުގައި ދަތިތައް ކުރިމަތި ނުވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖެ އާއި އިންޑިއާ ހަދާފައިވާ ޓްރޭޑް އެއްބަސްވުން 2021 ވަނަ އަހަރު އައު ކޮށްފައިވާއިރު، އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރު އެވެ.
އެއްބަސްވުމުގެ ދަށުން ފިޔާ، ހަނޑޫ، ހަކުރު، ފުށް، އަލުވި، ބިސް އަދި މުގުގެ އިތުރުން ހިލަ އާއި ހިލަވެލި އަންނަ އަހަރުގެ ނިޔަލަށް ކަނޑައަޅާފައިވާ ކޯޓާގެ ދަށުން ރާއްޖެއަށް ލިބޭނެ އެވެ.

އިންޑިއާއިން އެ ގައުމުން ފިޔާ އެކްސްޕޯޓް ކުރުން އަންނަ މަހުގެ ނިޔަލަށް ވަގުތީ ގޮތުން މަނާ ކޮށްފައިވާއިރު، ފިޔާ އެކްސްޕޯޓް ކުރަން ހާއްސަ ކޯޓާއެއް ދާދި ފަހުން ދޫކޮށްފައި ވަނީ ބަންގްލަދޭޝް، ސްރީލަންކާ، މޮރިޝަސް، ބަހްރެއިން، ބޫޓާން އަދި ނޭޕާލްއަށެވެ.
ނަމަވެސް އަވަށްޓެރިންނަށް އޮންނަ ހާއްސަ ކޯޓާ އެ ގައުމަކުން އެދުމުން ކޮންމެ ފަހަރަކު އިންޑިއާއިން ހަމަޖައްސައިދެ އެވެ.














