ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިބި 80 މެންބަރުންގެ ތެރެއިން 35 މެންބަރަކު، ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބުގައި ވާދަނުކުރައްވާނެކަން ކަން އެނގިއްޖެ އެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރާނެ ކަން މާ ކުރިއާލާ ވެސް ބައެއް މެންބަރުން އިއުލާން ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި، މާޒީގައި ސިޔާސީ މަސްރަހުގައި ފުންނާބު އުސް އަދި މަގުބޫލު ޝަހުސިއްޔަތުތައް ވެސް ހިމެނެ އެވެ.
ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސިޔާސީ މަސައްކަތުން ދުރަށް ޖެހިވަޑައިގެންފަ އެވެ. މި ވަގުތު މައްޗަންގޮޅި މެދު ދާއިރާ ތަމްސީލްކުރައްވާ، އަދި ނަވާރަވަނަ މަޖިލީހުގެ ގިނަ ދުވަހު މަޖިލީހުގެ ރައީސްކަން ކުރެއްވި ނަޝީދު ވާދައެއް ނުކުރައްވަ އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނަކީ، މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ މެންބަރެވެ. މި ވަގުތު އެ ކޮމިޝަނުގެ ރައީސަކަށް ވެސް ހުންނެވި އަދި 2019 ގައި ބޮޑު ތާއީދާކުން ދާއިރާއަށް އިންތިހާބުވި ހިސާން ވާދައެއް ނުކުރައްވަ އެވެ.
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަކީ، މި މަޖިލީހުގެ އިތުރުން ސަތާރަވަނަ މަޖިލީހުގައި ވެސް އެ ދާއިރާ ތަމްސީލް ކުރެއްވި މެންބަރެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި، ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިހާބުގެ ތިން ވަނަ ހޯއްދެވި އިލްޔާސް، މަޖިލިސް އިންތިހާބުގައި ވާދައެއް ނުކުރައްވަ އެވެ.

އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީން ނާކާމިޔާބުވުމުގެ ސަބަބުންނާއެކު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް ވާދައެއް ނުކުރައްވަ އެވެ.
ރިޔާސީ އިންތިހާބަށް ފަހު ސަރުކާރު ބަދަލުވި ފަހުން، ކުރިން ވެރިކަންކުރި އަދި މި ވަގުތު ވެސް މަޖިލީހުގެ މެޖޯރިޓީ ޕާޓީ ކަމަށްވާ އެމްޑީޕީ ދޫކޮށް މިހާރު ވެރިކަންކުރާ ޕީއެންސީއަށް ބަދަލުވި ގިނަ މެންބަރުން މި ފަހަރުގެ އިންތިހާބުގައި ވާދައެއް ނުކުރެ އެވެ.
އޭގެ ތެރޭގައި ދައުރު މެދު ތެރެއިން ބޭއްވި ބައި-އިލެކްޝަންގައި ވާދަކޮށް ގޮނޑި ކާމިޔާބު ކުރެއްވި ދެ މެންބަރުން ކަމަށްވާ، ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝާޒު، އަދި ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު (ރާޑޯ) ވެސް ހިމެނެ އެވެ.
އާ ދައުރަކަށް ވާދަނުކުރާ މެންބަރުން
- އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު
- ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ
- ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
- ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު
- ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުއްހަކީމް
- ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު (ރާޑޯ)
- ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު
- ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ
- ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ
- އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)
- އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓެ)
- ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން
- ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝާޒު
- ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ)
- ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް
- މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު
- ނިލަންދޫ ދާއިރާގެ މެންބަރު އަބްދުއްމުހުސިން ހަމީދު (ޖޭފޯ)
- ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް
- ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް
- އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު
- ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް
- ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު
- ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުއްމުޣުނީ
- ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް
- ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
- ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު
- ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
- މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ)
- ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކުމާކު ރަޝީދު)
- އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
- ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު
- މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު)
- މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު
- މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް
- މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ












