ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތްތަކާއި ރައްކާތެރިކަން ލިބޭ ގާނޫނަށް އިސްލާހު ގެނައުން ހިމެނޭހެން 24 ބިލެއް މިއަހަރުގެ ފުރަތަމަ ދައުރަށް ސަރުކާރުން ހުށަހަޅަން ނިންމާފައިވާކަން ރައްޔިތުންގެ މަޖިލީހަށް އަންގައިފި އެވެ.
މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި އެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ސަރުކާރުން ހުށަހަޅާނެ ކަމަށް އަންގާފައިވާ ބިލުތަކުގެ ލިސްޓެއް އިއްވަވާފަ އެވެ. އެ ލިސްޓުގައި ހިމެނޭ ބިލުތަކަކީ;
- ބިމުގެ ބިލު
- ބޯހިޔާވަހިކަމުގެ ބިލު
- ރިއަލް ސްޓޭޓް ވިޔަފާރީގެ ބިލު
- އާބަން ޕްލޭނިން އަދި އާބަން ޑިވެލޮޕްމަންޓުގެ ބިލު
- ނަފްސާނީ ސިއްހަތުގެ ބިލު
- ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު
- ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދަތުރު ރާވާ ހިދުމަތް ދިނުމުގެ ބިލު
- ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު
- ޖިނާއީ އިޖުރާއަތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ފޮރިން އިންވެސްޓްމަންޓްގެ ބިލު
- ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މާލީ ސެކިއުރިޓީސްއާ ގުޅޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލު
- ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު
- ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީ ފޯރުކޮށްދިނުމުގެ ބިލު
- ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މީޑިއާ ކޮމިޝަނުގެ ބިލު
- ބްރޯޑްކާސްޓް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
އެ ބިލުތަކުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމުގެ ބިލެއް ނުހިމެނެ އެވެ. ރިޔާސީ ބަޔާން އިއްވެވި ދުވަހު ރައީސް ވަނީ އެ ބިލު މި ދައުރުގައި ހުށަހަޅާނެ ކަމަށް ވައުދެވަޑައިގަނެފަ އެވެ.
"ޝަރުޢީ ދާއިރާގެ ކަންކަމަށް ސިޔާސީ ނުފޫޒު ވަންނާނެ ފުރުޞަތު ހަނިކުރުމަށްޓަކައި، ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލު ގެނައުމަށް އަޅުގަނޑު ވައުދުވީ ފަދައިން، މި އިއްޒަތްތެރި މަޖިލީހަށް ސަރުކާރުން ހުށަހަޅާނަން. މި ބިލުގެ އިތުރުން، މި ފެށޭ މަޖިލީހުގެ ދައުރަށް ސަރުކާރުން ހުށަހަޅަން ގަސްތުކުރާ ބައެއް ބިލުތަކުގެ," އެ ދުވަހު ރައީސް ވިދާޅުވެފައިވެ އެވެ.
ޖޭއެސްސީ އިސްލާހު ކުރުމަކީ މި ސަރުކާރުގެ ވެސް ރިޔާސީ ވައުދެކެވެ.














