އަންނަ މެއި މަހުގެ 10 ގެ ކުރިން އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށްފަހު ޑޯނިއާ އާއި ދެ ހެލިކޮޕްޓަރު އޮޕަރޭޓު ކުރަން "ޓެކްނިކަލް" މީހުން ގެންނަން ދިވެހި ސަރުކާރާއެކު އެއްބަސްވެފައިވާ ކަމަށް އިންޑިއާއިން ބުނެފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގަައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިއުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު ރަންދީރް ޖައިސްވަލް ވިދާޅުވީ އިންޑިއާއިން ވާނީ އެ ގައުމުގެ ބަސް މި މަހުގެ ދެ ވަނަ ދުވަހު ހާމަކޮށްފައި ކަމަށެވެ.
އޭނާ އިޝާރާތް ކުރެއްވީ އެ ދުވަހު ބޭއްވި ހައި ލެވެލް ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުމަށްފަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް އިން ނެރުނު ބަޔާނަށެވެ. އެ ބަޔާނުގައި ފާހަގަކޮށްފައިވަނީ ރާއްޖޭގައި ހުރި އުޅަނދުތައް ކުރިއަށް އޮތްތަނުގައި އޮޕަރޭޓު ކުރާނެ ގޮތަކާ ބެހޭ ގޮތުން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.
"ފާހަގަކޮށްލަން ބޭނުން، އުޅަނދުތައް އޮޕަރޭޓުކުރުމަށް މިހާރު ރާއްޖޭގައި ތިބި ފަރާތްތައް އަނބުރާ ގެނެސް އެކަން ކުރުމަށް އިންޑިއާގެ ކުޅަދާނެ 'ޓެކްނިކަލް' މީހުން ފޮނުވޭނެ،"
އޭނާ ވަނީ 'އިންޑިއާގެ ކުޅަދާނެ ޓެކްނިކަލް މީހުން' މި އިބާރާތް ތަކުރާރު ކުރައްވައިފަ އެވެ. ނަމަވެސް އިތުރު ތަފުސީލަކަށް ނުދެ އެވެ.
ދިވެހި ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ އިންޑިއާ ސިފައިން ފޮނުވައިލުމަށް ފަހު، ދެން އެ އުޅަނދުތައް އޮޕަރޭޓުކުރާނީ އިންޑިއާގެ މަދަނީން ކަމަށެވެ.

އިންޑިއާއިން އެ ބުނާ "ޓެކްނިކަލް" މީހުންނަކީ މަދަނީ މީހުން ކަމެއް، ނުވަތަ އިންޑިއާގެ އަސްކަރިއްޔާއާ ގުޅުން ނެތް ބައެއް ކަމެއް ދެ ގައުމުން ވެސް އަދި ނުބުނެ އެވެ.
މި ސަރުކާރުން ހާމަކުރި ނަމްބަރުތަކަށް ބަލާއިރު ޑޯނިއާ އަދި ދެ ހެލިކޮޕްޓަރުގެ އޮޕަރޭޝަނަށް ރާއްޖޭގައި މިވަގުތު 77 އިންޑިއާ ސިފައިން އެބަތިއްބެވެ. މި މީހުންގެ ބަދަލުގައި ގެނެވޭ މީހުންގެ އަދަދެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ކޯ ގްރޫޕުގެ އެންމެ ފަހުގެ ބައްދަލުވުމަށްފަހު ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބައްދަލުވުމުގައި ދެ ގައުމުން އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު މާޗް 10، ގެ ކުރިން ފޮނުވާލަން އެއްބަސްވެފައިވާ ކަމަށެވެ.
ރައީސް އޮފީހުން މީގެ ކުރިން ހާމަކުރި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވީ މާޗް 15، ގެ ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށެވެ.
ރައީސް މުއިއްޒު ވަނީ މި ހަފުތާ ތ. އަތޮޅަށް ކުރެއްވި ދަތުރުގައި، އިންޑިއާ ސިފައިން ބާލާ ވާހަކަ ދައްކަވަމުން އެ މަނިކުފާނު މިހާރު ވިދާޅުވަނީ ރުންކުރުވެގެން ކަންކަން ހާސިލު ނުވާނެ ކަމަށެވެ.
އިންޑިއާ-ރާއްޖޭގެ ހައި ލެވެލް ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުން ނިއު ދިއްލީގައި ކުރިއަށް ގެންދިޔައިރު, ދެން އަންނަ ބައްދަލުވުމެއް މިމަހު ފަހު ހަފްތާގައި މާލޭގައި ބާއްވަން ވަނީ އެއްބަސްވެފަ އެވެ.












