މާލޭގެ އާޓިފިޝަލް ބީޗުގައި އަންހެނަކަށް އަނިޔާ ކުރި މައްސަލައެއް ފުލުހަށް ރިޕޯޓުކުރުމުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން މިރޭ ފޮނުވި ޓެކްސްޓު މެސެޖެއްގައި ބުނި ގޮތުގައި، އެ މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ، އިތުރު ތަފުސީލެއް ނުދެ އެވެ.
ނަމަވެސް މި މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި ހާދިސާ ހިނގި ގޮތް ކަމަށް ބުނެ އެކްސްގައި ދައުރުވަމުންދާ ޕޯސްޓެއްގައި ވަނީ، މި ހަމަލާގެ ޝިކާރައަކަށްވީ އަހަރުތަކެއް ވަންދެން ގެވެށި އަނިޔާ ތަހައްމަލުކޮށްފައިވާ އަންހެނަކަށެވެ. އަދި މިކަމެއް ހިނގި ތަނުގައި ބައިވަރު މީހުން ތިބެ، އެއްވެސް މީހަކު ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށް ވެސް، އަނިޔާ ލިބުނު މީހާގެ ކޮއްކޮ/ދައްތަ ކަމަށް ބުނާ މީހާގެ އެކައުންޓުން ކުރި ދިގު ޕޯސްޓުގައިވެ އެވެ.













