ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ ދިވެހި މަސް ދޯނިތަކަކަށް ހަތިޔާރާއެކު ބުދަ ދުވަހު އެރީ ސީދާ އިންޑިއާގެ ކޮން ބައެއްކަން ދަނެގަނެފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ރާއްޖޭގެ ތިން މަސް ދޯންޏަކަށް އެރީ އިންޑިއާގެ ކޯސްޓް ގާޑް ޝިޕް 246 އާއި ކޯސްޓް ގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކުން ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ. އިންޑިއާގެ ސިފައިން އެރީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސް ދޯނިތަކަކަށް ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓު ކުރުމެއް ނެތި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާގެ އަސްކަރިއްޔާއިން ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފުސީލު ދެއްވުމަށް ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި ފެބްރުއަރީ 1، 2024 ގައި ވާނީ ރަސްމީކޮށް ދަންނަވާފަ،" އެ ބަޔާނުގައިވެ އެވެ.
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ ބުދަ ދުވަހު އިންޑިއާގެ ސިފައިން އެރީ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށެވެ. އެ ދޯނިތަކަށް އެރުމަށްފަހު ބަލައި ފާސްކޮށް، މަސްވެރިންނަށް ވަކި ގޮތަކަށް އަމަލު ކުރުމަށް ސިފައިން ވަނީ އަމުރުކޮށްފަ އެވެ.
ދޯނިތައް އިންޑިއާ ސިފައިން އެރި މަންޒަރުގެ ވީޑިއޯތަކެއް މިއަދު އާންމުކޮށްފައިވާއިރު، ވީޑިއޯތަކުން ފެންނަނީ އިންޑިއާގެ ކޯސްޓް ގާޑުގެ ސިފައިން ބަޑިއާއެކު ހަރަކާތްތެރިވާ މަންޒަރެވެ. އިންޑިއާ ކޯސްޓް ގާޑުގެ އުޅަނދެއް ވެސް ވީޑިއޯތަކުން ސާފުކޮށް ފެނެ އެވެ.

އެ މައްސަލަ ދޯނިތަކުން ރިޕޯޓު ކުރުމުން ދިވެހި ކޯސްޓް ގާޑުން އެ ސަރަހައްދަށް ދިޔައިރު، އިންޑިއާ ސިފައިން ފެންނަން ނެތް ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. ނަމަވެސް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު މިހާރު ބަލަމުންދާ ކަމަށް ސިފައިން ބުނެ އެވެ.
އަސުރުމާ-3 ދޯނީގެ ފަރާތުން ބުދަ ދުވަހު މި ނޫހާ ވާހަކަ ދައްކަމުން ބުނީ ގާތްގަނޑަކަށް ދެ ގަޑިއިރެއްހާއިރު އިންޑިއާ ސިފައިން އެ ދޯނީގައި ހަރަކާތްތެރިވި ކަމަށެވެ.
"އެމީހުން ސުވާލުކޮށް ފާސް ވެސް ކުރާކަމަށް ކެޔޮޅު ބުނި. ތުރާޔާ ސެޓްލައިޓް ފޯނު އޮތްތޯ ސުވާލުކުރަނީ. އެކަމަކު ތުރާޔާ ފޯނު ރާއްޖޭގަ ބޭނުން ކުރުމަކީ މަނާ ކަމެއް ވެސް ނޫން. އެ ދޯނީގަ ނޯންނާނެ އޭގެ ފޯނެއް ވެސް. އެ ދޯނީގަ އިންނާނީ އުރީދޫއިން ހަރުކޮށްފައިން ޑިވައިސްއެއް،" އޭނާ ކިޔައިދިނެވެ.












