ދިވެހި މަސް ދޯނިތަކަށް އެރި ބޭރުގެ ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަމުންދިޔަ ވީޑިއޯ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު އާންމުކޮށްފި އެވެ.
އާންމުކޮށްފައިވާ ވީޑިއޯތަކުން ވެސް ދޯނިތަކަށް އަރައިގެން ހަރަކާތްތެރިވީ އިންޑިއާގެ ސިފައިން ކަމަށް ބެލެވެ އެވެ. ހަރަކާތްތެރިވި ސިފައިންގެ ޔުނީފޯމުގައި ހަރުކޮށްފައި ހުރި ދެ ނިޝާނެއް ފެނެ އެވެ. އެއީ އިންޑިއާގެ ކޯސްޓް ގާޑުން ބޭނުން ކުރާ ދެ ނިޝާނެއް ކަމަށް ބެލެވެ އެވެ. އަދި ވީޑިއޯއިން ފެންނަ މަނަވަރަކީ ވެސް އިންޑިއާގެ މަނަވަރެއް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ ބުދަ ދުވަހު އިންޑިއާގެ ސިފައިން އެރީ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށެވެ. ނަމަވެސް ދޯނިތަކަށް އެރީ ކޮން ގައުމެއްގެ ކޮން ބައެއްކަން ޔަގީންނުވާ ކަމަށް ދިވެހި ކޯސްޓް ގާޑުން ބުނެ އެވެ.

އިންޑިއާގެ ސިފައިންގެ ޔުނީފޯމުގައި ހުރި ނިޝާންތައް: މިއީ ކޯސްޓް ގާޑު ސިފައިންގެ ނިޝާންތަކެއް --

އަސުރުމާ-3 އަކަށް އިންޑިއާ ސިފައިން އެރީ ހދ. ކުޅުދުއްފުއްޓާ ދިމާލުން ބޭރަށް ނުކުމެ އުޅެނިކޮށް ކަމަށް އެ ދޯނީގެ އޮޑިވެރިޔާ ބުންޏެވެ. އޭނާ ބުނީ އެ ދޯނި ބަލައި ފާސް ކުރުމުގައި އިންޑިއާގެ ދެ މަނަވަރު ހަރަކާތްތެރިވި ކަމަށެވެ.
އިންޑިއާ ސިފައިން ސުވާލު ކުރަމުން ދަނީ ތުރާޔާ ބުރޭންޑުގެ ސެޓެލައިޓު ފޯނު ބޭނުން ކުރޭތޯ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ދޯނީގައި އެ ބުރޭންޑުގެ ފޯނެއް ނުގެންގުޅޭ ކަމަށް އޭނާ ބުންޏެވެ.
"އެމީހުން ސުވާލުކޮށް ފާސް ވެސް ކުރާކަމަށް ކެޔޮޅު ބުނި. ތުރާޔާ ސެޓްލައިޓް ފޯނު އޮތްތޯ ސުވާލުކުރަނީ. އެކަމަކު ތުރާޔާ ފޯނު ރާއްޖޭގަ ބޭނުން ކުރުމަކީ މަނާ ކަމެއް ވެސް ނޫން. އެ ދޯނީގަ ނޯންނާނެ އޭގެ ފޯނެއް ވެސް. އެ ދޯނީގަ އިންނާނީ އުރީދޫއިން ހަރުކޮށްފައިން ޑިވައިސްއެއް،" އޭނާ ކިޔައިދިނެވެ.












