އިންޑިއާ ސަރުކާރުގެ ކުރިއަށް އޮތް މާލީ އަހަރު ބޭރުގެ ގައުމުތަކަށް ދޭ ހިލޭ އެހީގެ ދަށުން ރާއްޖެއަށް 72 މިލިއަން ޑޮލަރު ދިނުމަށް އެ ގައުމުގެ ބަޖެޓުގައި ހިމަނާ މަޖިލީހަށް ހުށަހަޅައިފި އެވެ.
އިންޑިއާގެ 2025-2024 އަށް އެކުލަވާލާ ބަޖެޓު އެ ގައުމުގެ މަޖިލީހަށް ހުށަހެޅީ މިއަދު ބޭއްވި ޖަލްސާއެއްގައި ފިނޭންސް މިނިސްޓަރު ސީތާރަމަން އެވެ. އިންޑިއާގެ މާލީ އަހަރު ގުނަނީ ކޮންމެ އަހަރެއްގެ އެޕްރީލުން ޖެހިގެން އަންނަ އަހަރުގެ މާޗުގެ ނިޔަލަށެވެ.
ބަޖެޓުގައިވާ ގޮތުން ރާއްޖެއަކީ އިންޑިއާއިން ދެވަނައަށް އެންމެ ގިނަ ހިލޭ އެހީ ދޭނެ ގައުމަށެވެ. އެންމެ ގިނައިން ދޭން ބަޖެޓުގައި ހުށަހަޅާފައިވާ ގައުމަކީ ބޫޓާނެވެ.
ނިމިގެން މިދާ މާލީ އަހަރު އިންޑިއާއިން އެންމެ ފުރަތަމަ ލަފާކުރި ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭން އޮތީ 48.1 މިލިއަން ޑޮލަރެވެ. ނަމަވެސް އިސްލާހުތަކާއެކު އެ އަހަރަށް ހަރަދުވާނެ ކަމަށް ބެލެވޭ އަދަދު ވަނީ 92.9 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. އޭގެ ކުރީގެ އަހަރު އިންޑިއާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 22 މިލިއަން ޑޮލަރެވެ.
އިންޑިއާއިން ރާއްޖެއަށް ބޮޑު އަދަދެއްގެ ހިލޭ އެހީ ދޭން ނިންމާފައިވާއިރު، އެ ގައުމުން ދަނީ ރާއްޖޭގައި ބޮޑެތި މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން ތިލަމާލެ ބުރިޖު މަޝްރޫއު އާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއުގެ އިތުރުން ހުޅުމާލޭގައި އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކުރަމުންދާ ފްލެޓުތަކުގެ މަޝްރޫއު ފާހަގަކޮށްލެވެ އެވެ.

މީގެ ތެރެއިން ތިލަމާލެ ބްރިޖަކީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭ ގޮތަށް ހިންގާ މަޝްރޫއެކެވެ. އަދި އެހެން މަޝްރޫއުތަކަކީ އިންޑިއާ އެގްޒިމް ބޭންކުން ލޯނު ނަގައިގެން ހިންގާ ޕްރޮޖެކްޓުތަކެކެވެ.
ކުރިން ވެރިކަމުގައި އޮތް އެމްޑީޕީގެ ސަރުކާރުން އިންޑިއާއާއެކު ވަރަށް ގާތް ގުޅުމެއް ބާއްވާ، ހާރިޖީ ސިޔާސަތުގެ ގޮތުގައި އިންޑިއާ ފަސްޓް ޕޮލިސީ ގެންގުޅުނު ނަމަވެސް ޕީއެންސީގެ އާ ސަރުކާރުން ދަނީ އިންޑިއާއާ ފެޔަށް ޖެހުމަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު އިންޑިއާގެ ބަދަލުގައި ޗައިނާއަށް ކުރައްވާ އެ ގައުމާއެކު 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. އަދި، އެކި ދާއިރާތަކުން އިންޑިއާއަށް ބަރޯސާވުން ކުޑަކުރުމުގެ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
titledesc












