އެޗްޑީސީގެ ބައެއް މުވައްޒަފުންނަށް ވަޒީފާއިން ވަކިވާން އަންގަން ފަށައިފި

މިދިޔަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު، ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތުގައި އެޗްޑީސީގެ ވެރިންނާއި މުއައްޒަފުން. --ފޮޓޯ: އެޗްޑީސީ

މިދިޔަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު، ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތުގައި އެޗްޑީސީގެ ވެރިންނާއި މުއައްޒަފުން. --ފޮޓޯ: އެޗްޑީސީ

ރިޔާސީ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތާ ހިލާފަށް، އެޗްޑީސީގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުވާން ބޭނުން ނުވާ ފަރާތްތަކަށް ވަޒީފާއިން ވަކިވުމަށް އަންގައި އެ ކޯޕަރޭޝަނުން ލިޔުން ފޮނުވައިފި އެވެ.

އެޗްޑީސީގެ މުނިސިޕަލް ފަޅީގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް އެ ކޯޕަރޭޝަނުން ފޮނުވަމުންދާ ލިޔުމުގެ ކޮޕީއެއް "އަދަދު" އަށް ވަނީ ލިބިފަ އެވެ. އެ ލިޔުމުގައި ބުނެފައި ވަނީ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކުރުމުން އެ ޑިޕާޓުމެންޓުގައި މަސައްކަތް ކުރަމުން އައި މުވައްޒަފުން ކުރާނެ އިތުރު މަސައްކަތެއް އެޗްޑީސީގައި ނެތް ކަމަށެވެ.

"ރަށްވެހިކަމުގެ ހިދުމަތްތައް މާލެސިޓީ ކައުންސިލުގެ ދަށަށް ބަދަލުވުމުން އެ މަސައްކަތްތައް ކުރުމަށް ހަރަކާތްތެރިވި މުވައްޒަފުން މި ކޯޕަރޭޝަނުގައި ކުރާނެ އެހެން މަސައްކަތެއް ނެތަތީވެ، މާލެ ސިޓީ ކައުންސިލަށް ބަދަލުވުމަށް ބޭނުންނުވާ މުވައްޒަފުން މި ކޯޕަރޭޝަނުގެ "ރިޑަންޑަންސީ ޕޮލިސީ" ގެ ދަށުން 3 މަސްދުވަހުގެ މުސާރައާއެކު ވަޒީފާއިން ވަކިވުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމައިފަ އެވެ." އެ ލިޔުމުގައި ބުނެފައިވެ އެވެ.

އެޗްޑީސީން އިއްޔެ މުވައްޒަފުންނަށް ފޮނުވަން ފެށި އެ ލިޔުމުގައި ވަނީ މާލެ ސިޓީ ކައުންސިލުގެ ވަޒީފާއަށް ބަދަލުވުމަށް ބޭނުން ނުވާނަމަ، މާދަމާ މެންދުރު 12:00 ގެ ކުރިން ލިޔުމުން އެ ކޯޕަރޭޝަނުގެ އެޗްއާރު ޑިޕާޓުމެންޓަށް އެންގުމަށް އެދިފަ އެވެ.

މާލެ ސިޓީ ކައުންސިލަށް ބަދަލުވާން ބޭނުންނުވާ މުވައްޒަފުންނަށް "ރިޑަންޑަންސީ ޕޮލިސީ" ގެ ދަށުން ވަޒީފާއިން ވަކިވުމަށް އަންގައި އެޗްޑީސީން ލިޔުން ފޮނުވާފައިވާއިރު، ރިޔާސީ ކެމްޕޭނު ދުވަސްވަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެހެން އެކަން ނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

އެޗްޑީސީން ދެމުންދިޔަ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކުރުމަށް ޕީއެންސީގެ މެނިފެސްޓޯ އިފުތިތާހު ކުރި ޖަލްސާގައި ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު ތަފުސީލު ކޮށްދެއްވަމުން މިދިޔަ އަހަރުގެ އޯގަސްޓު 23، ގައި ރައީސް ތުހުމަތު ކުރެއްވީ، ރަށްވެހިކަމުގެ ހިދުމަތް ދޭން އެޗްޑީސީން ބޭނުން ކުރި ބަޖެޓާއި ރިސޯސަސް މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކުރުމަށް ވައުދުވެވަޑައިގެންނެވުމުން އޭރު އޮތް ސަރުކާރުން އެކަން އޮޅުވާލައި އެޗްޑީސީގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކި ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ށ. ކަނޑިތީމުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކުރާއިރު، އެޗްޑީސީގެ މުވައްޒަފުންނަށް ވަޒީފާ އަދާކުރާ ތަނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ދެންނެވީ ބަޖެޓު ބަދަލު ކުރާނަމޭ، ބަޖެޓާ އެކީގައި ރިސޯސް. މާނައަކީ ބޭނުންކުރާ ވެހިކަލްތަކާއި އެކަމަށް ބޭނުންކުރާ އެހެން އާލާތްތަކާ އެއްކޮށޭ ބަދަލު ކުރާނީ، މުވައްޒަފުން ބަދަލުވުމަކީ މުވައްޒަފުންގެ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމެއް، އާބަންކޯގައި މަދު ކުރެވޭނެ، އަޅުގަނޑުމެންނަށް ބަޖެޓު ބަދަލުވީމާ އެ ބަދަލުވާން ބޭނުންވާ މުވައްޒަފުން ބަދަލުވެފައި ދެން އިތުރަށް [ސިޓީ ކައުންސިލަށް] ބޭނުންވާ މުވައްޒަފުން އެ ބަޖެޓު ތެރެއިން އަޅުގަނޑުމެން އިއުލާނުކޮށްގެން ނަގާނީ، އެހެންވީމާ އެއްވެސް މީހެއްގެ ވަޒީފާއެއް ނުގެއްލޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މުވައްޒަފުންނަށް އެޗްޑީސީން ފޮނުވި އެ ލިޔުމުގައި ވަނީ އެ ކޯޕަރޭޝަނަށް އެ މުވައްޒަފުން ކޮށްދިން އަގުހުރި މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ސިޓީ ކައުންސިލަށް ބަދަލުވާން ބޭނުންވާ މުވައްޒަފުންގެ މުސާރައާއި އިނާތަތްތަކަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި އެއް އަހަރުގެ މުއްދަތަކަށް އެޗްޑީސީން ފޯރުކޮށްދިނުމަށް ސިޓީ ކައުންސިލާއެކު އެއްބަސްވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ހުޅުމާލެއަކީ މާލެ ސިޓީގެ ބައެއް ނަމަވެސް މިހާތަނަށް އެ ރަށް ބަލަހައްޓަމުން ދިޔައީ ސަރުކާރުގެ 100 ޕަސެންޓު ހިއްސާވާ އެޗްޑީސީ އިންނެވެ. މާލޭ ސިޓީ ކައުންސިލުގެ ދަށަށް ހުޅުމާލެ ބެލެހެއްޓުން ބަދަލު ކުރުމަށް މީގެ ކުރިން ވެސް އެ ކައުންސިލް މަސައްކަތް ކުރި އެވެ. ނަމަވެސް ކުރީ ސަރުކާރުން ނިންމީ، އަބަދުވެސް ހުޅުމާލެ ހިންގަމުން އައި ގޮތަށް އެޗްޑީސީގެ ދަށުން ހިންގުމަށެވެ.

އެ މައްސަލަގަނޑުގެ ތެރޭގައި ޑިސެމްބަރު، 2021، ގައި އެޗްޑީސީ ދަށުގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ބިމެއްގެ ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން ބާތިލު ކުރި އެވެ. ނަމަވެސް އެ މައްސަލަ ކޯޓަށް ވެއްދުމުން ކޯޓުން އެންގީ ރަޖިސްޓްރީތައް ބާތިލް ކުރަން ނިންމި ނިންމުމަށް އަމަލު ނުކުރުމަށެވެ.

ހުޅުމާލޭގެ މުނިސިޕަލް މަސައްކަތް އެޗްޑީސީން އަތުލުމަށްފަހު، މާލޭ ސިޓީ ކައުންސިލަށް ބަދަލު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެއީ ސަރުކާރާ ހަވާލުވެވަޑައިގަންނަވާތާ 100 ދުވަހުގެ ތެރޭގައި ފުއްދަން އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox