ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ދިނުމުގެ ޖަލްސާއަށް ހުރަސް އަޅާނަމަ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށް ރުހުން ނުދިނުމަށް އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕީޖީ ގްރޫޕުން ނިންމައިފި އެވެ.
އެގޮތަށް ނިންމި ކަމަށް އެމްޑީޕީ ޕީޖީ ގްރޫޕްގެ މެމްބަރަކު ވަނީ "އަދަދު" ނޫހަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
ރުހުން ދިނުމަށް މިއަދު 11:00 ގައި ބާއްވަން ތާވަލު ކުރި ޖަލްސާ ދެން ބާއްވާނީ މެންދުރު ފަހު 1:00 ގައި ކަމަށް ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފައިވެ އެވެ. އެހެން ނަމަވެސް, އެ ޖަލްސާ ފަސް ކުރި ސަބަބެއް މަޖިލީހުގެ އިދާރާއިން ހާމައެއް ނުކުރެ އެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް އެންމެ ފުރަތަމަ ޖަލްސާއެއް ތާވަލުކުރީ އިއްޔެ ހެނދުނަށެވެ. ނަމަވެސް, އެމްޑީޕީގެ ޕީޖީން އެކަމުގައި ވިޕެއް ނެރުމާ އެކު ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ޖަލްސާއަށް ހުރަސް އަޅައި ވޯޓު ހުއްޓުވާފަ އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީއިން ރުހުން ނުދޭން ނިންމި ވަޒީރުންގެ ތެރޭގައި ހިމެނެނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އެމްޑީޕީ އާއެކު އަލުން ސިޔާސީ މަސައްކަތް ކުރަމުންދާ ޑިމޮކްރެޓްސްއިން ވެސް ސައީދު ފިޔަވައި ދެން ތިބި ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމާފަ އެވެ. ޑިމޮކްރެޓްސްގެ ލިސްޓުގައި ދެން އޮތީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.
އިއްޔެ މެންދުރު 1:30 ގައި ވޯޓަށް އަހަން ތާވަލު ކުރި ނަމަވެސް، މަޖިލީހުގެ ތަޅުމުގެ ދޮރުތައް ތަޅުލައި މައިކުތައް ފޮރުވާ އަދި ދުންމާރި ބޭނުން ކޮށްގެން އަޑުގަދަކޮށް ސަރުކާރު މެމްބަރުން ވޯޓަށް ހުރަސް އެޅިއެވެ.
އެ ވަގުތުގެ ތެރޭގައި މަޖިލީހުގެ ތަޅުމުގައި މެމްބަރުން މެދުގައި ހަމަނުޖެހުން ހިނގައި ބައެއް މެމްބަރުންނަށް އަނިޔާވެސް ވި އެވެ. އަދި ކަނޑިތީމު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް އެމްބިޔުލާންސްގައި އޭޑީކޭއަށް އިތުރު ފަރުވާއަށް ވެސް ގެންދިޔަ އެވެ.
އެއަށްފަހު ރޭ 8:00 އަށް އަނެއްކާވެސް ވޯޓަށް އެހުން ތާވަލު ކުރި އެވެ. އެހެންނަމަވެސް ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ރިޔާސަތަށް ހުރަސް އަޅައި ޖަލްސާ ފެށިޔަ ދީފައެއް ނުވެ އެވެ. ސަރުކާރަށް ނިސްބަތްވާ މެމްބަރުން، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ މައިކު ވެސް ނަގާފައިވެ އެވެ.












