ސިއްހީ ކުއްލި ހާލަތްތަކުގައި ޑޯނިއާ ބޭނުން ނުކުރަނީ ރައީސް ޑރ މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށް ބުނެ އަމާޒު ކުރަމުންދާ ފާޑު ކިޔުންތަކަށް ޑިފެންސް މިނިސްޓަރު ޣައްސާނު މައުމޫން ރައްދު ދެއްވައިފި އެވެ.
ސްޓްރޯކެއް ޖެހި ސިއްހީ ހާލަތު ދެރަވި 13 އަހަރުގެ ކުއްޖާ 16 ގަޑިއިރު ވަންދެން ގއ. ވިލިނގިލި އިން މާލެ ނުގެނެވި މަޑު ކުރަން ޖެހުނީ ޑޯނިއާ ބޭނުން ނުކުރުމުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ގެންދަނީ ސަރުކާރަށާއި ރައީސަށް ފާޑު ކިޔަމުންނެވެ. އެފާޑު ކިޔުންތަކަށް ނުސީދާކޮށް ރައްދު ދެއްވައި އެކްސްގައި ލިއުއްވި ލިއުމެއްގައި ޣައްސާން ވިދާޅުވީ ސިއްހީ ކުއްލި ހާލަތްތަކުގައި މެޑިކަލް އެވަކުއޭޝަން އޮޕަރޭޝަންތަކުގެ އެސްއޯޕީގައި ރައީސްގެ އަރިހުން ކަމަކަށް ހުއްދަ އެހުމެއް ނުވަތަ ރައީސަށް އެކަމެއްގެ ތަފްސީލް ދެންނެވުމަކީ އޮންނަ ކަމެއް ނޫން ކަމަށެވެ.
އޭގެ ބަދަލުގައި އެކަމަކީ އެކަމާ ގުޅޭ އިދާރާތަކުން ގުޅިގެން މަޝްވަރާ ކުރުމަށް ފަހު ކުރިއަށް ގެންދާ އޮޕަރޭޝަންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"2021 ވަނަ އަހަރުން ފެށިގެން ތަފާސްހިސާބުތަކަށް ބަލާއިރު މެޑިކަލް އެވަކުއޭޝަންތަކުގެ 93 އިންސައްތަ ކޮށްފައިވަނީ މޯލްޑިވިއަން މެދުވެރިކޮށް،" ޣައްސާން ލިޔުއްވާފައިވެ އެވެ.
ގއ ވިލިނގިލީގައި ހާލު ދެރަވި ކުއްޖާ މާލެ ގެނައުން ލަސްވާތީ އެރަށުގައި ހުންނަ އެއަތޮޅު ހޮސްޕިޓަލު ކައިރީގައި އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ.
މީގެ ކުރިން އައްޑޫ ސިޓީއިން ގެއްލުނު 18 އަހަރުގެ މުހައްމަދު ނައީސް ހޯދުމުގައި ވެސް ޑޯނިއާ ބޭނުން ކޮށްފައި ނުވާތީ ވެސް ސަރުކާރަށް ފާޑު ކިޔުން އަމާޒު ކޮށްފައިވެ އެވެ. ޑިސެމްބަރު މަހުގެ ފަހުކޮޅު ގެއްލުނު ނައީޝް ފެނިފައެއް ނުވެ އެވެ.












