މިދިޔަ ބުރާސްފަތި ދުވަހު ހާލުދެރަވެގެން ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުޑަކުއްޖާ މާލެ ގެނެސް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެ އެވެ.
އުމުރުން 13 އަހަރުގެ އެ ކުއްޖާގެ ބައްޕަ މި ނޫހާ ވާހަކަ ދައްކަމުން ބުނީ އެއީ ބްރެއިން ޓިއުމަރެއް ހުރި ކުއްޖެއް ކަމަށާއި ހާލު ދެރަވީ ބުދަ ދުވަހުގެ ރޭ ސްޓްރޯކެއް ޖެހިގެން ކަމަށެވެ. އެ ކުއްޖާ މާލެ ގެނައީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ.
"ސްޓްރޯކް ޖެހުމާއެކު އަވަހަށް މާލެ ގެންނަން އަޅުގަނޑުމެން އައިލެންޑް އެވިއޭޝަނަށް ގުޅާ ގުޅާ ފޯނެއް ނުނަގާ. އެބޭފުޅުން ފޯނަށް ޖަވާބުދިނީ ބުރާސްފަތި ދުވަހު ހެދުނު 8:30 ހާއިރު. އިންތިޒާމު ހަމަނުޖެހި އެހާ ގިނައިރުވާއިރު، މިކަމަށް އޮތް ހައްލަކީ އެއާ އެމްބިއުލާންސެއް މިކަމަށް ހާއްސަކޮށް ބޭއްވުން،" އެ ކުއްޖާގެ ބައްޕަ ބުންޏެވެ.
"އަދަދު" އަށް މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވި ކުޑަކުއްޖާ މާލެ ގެނެވުނީ ހާލުދެރަވެ، މާލެ ގެނައުމަށް އެދިފައިވާތާ 16 ގަޑިއިރު ފަހުންނެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މާލެ ގެނެސް އެ ކުއްޖާއަށް ފަރުވާދިނީ އައިސީޔޫގައި ބާއްވައިގެންނެވެ. އަދި އެއިރު އެ ކުއްޖާ އޮތީ ކޯމާއެއްގައި ކަމަށް ވެސް ބައެއް ރިޕޯޓުތަކުން ބުނެފައިވެ އެވެ.
ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުން އެކުއްޖާ މާލެ ގައުމުގެ އިންތިޒާމުތައް ހަމަނުޖެހި ލަސްވުމުގެ ސަބަބުން އެ ރަށު ރައްޔިތުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހޮސްޕިޓަލު ކައިރީގައި މުޒާހަރާ ވެސް ކޮށްފަ އެވެ.














