މިއަދު ނެރުނު އޭ ލެވެލް ނަތީޖާއަށްފަހު ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކްއަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.
މިއީ އެ ކޮލެޖުގެ ޖެނުއަރީ އިންޓޭކަށް ވަނުމުގެ މުއްދަތު އިތުރުކޮށްދިން ތިންވަނަ ފަހަރެވެ.
ވިލާ ކޮލެޖުން ބުނި ގޮތުގައި މުއްދަތު އިތުރު ކުރުމުގެ މަގުސަދަކީ އޭލެވެލް ނަތީޖާ ލިބުނު އެތަކެށް ދަރިވަރުން މި ޖެނުއަރީ އިންޓޭކްގައި ކިޔެވުން ފެށުމަށް އެދެމުން ދާތީވެ އެކުދިންނަށް އެފުރުސަތު ފަހި ކޮށްދިނުމެވެ.
ވިލާ ކޮލެޖުން ބުނީ ޖެނުއަރީ އިންޓޭކްގައި އެ ކޮލެޖާއި ގުޅުނު ދަރިވަރުންގެ އޮރިއެންޓޭޝަން މިހާރު ފެށިގެން ކުރިއަށް ދާ ކަމަށާއި ނަމަވެސް އަލަށް ގުޅޭ ދަރިވަރުނަށް ވެސް އެ މައުލޫމާތު ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި އަހަރު ޖެނުއަރީ އިންޓޭކަށް ހުޅުވާލެވުނު ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވަސިޓީ އެއް ކަމަށްވާ، ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ ޑިގްރީ ޕްރޯގްރާމް ތަކާއިި އޭޝިއާގެ ޓޮޕް 50 ޔުނިވަސިޓީ ތަކުގެ ލިސްޓުގައި ހިމެނޭ ޔުނިވަސިޓީއެއް ކަމަށްވާ ޓެއިލާސް ޔުނިވާސިޓީގެ ޕްރޯގްރާމްތައް ހިމެނެ އެވެ.

އޭލެވެލް ނަތީޖާ އިން ޑިގްރީ ޕްރޮގްރާމް ތަކަށް ޝަރުތު ހަމަނުވާ ކުދިންނަށް ވިލާ ކޮލެޖުގެ ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ސެޓްފިކެޓް ލެވެލް 4ގެ ކޯސް ތަކުގެ ބައިވެރި ވުމުގެ ފުރުސަތުވެސް ވަނީ ހުޅުވިފަ އެވެ.
އެ އިންޓޭކްގައި ފާހަގަކޮށްލެވޭ ވިލާ ކޮލެޖުގެ އަމިއްލަ ބައެއް ކޯސްތަކު ތެރޭގައި، ބެޗްލާޒް އޮފް ޓީޗިންގެ ސައިންސް (ބެޗްލާ އޮފް ޓީޗިން އިން ކެމިސްޓްރީ އެންޑް ފިޒިކްސް، ބެޗްލާ އޮފް ޓީޗިން އިން ކެމިސްޓްރީ އެންޑް ބަޔޮލޮޖީ އަދި ބެޗްލާ އޮފް ޓީޗިން އިން ފިޒިކްސް އެންޑް ބަޔޮލޮޖީ)، މެތަމެޓިކްސް، ބިޒްނަސް އަދި އެކައުންޓިންގެ ޕްރޮގްރާމް އާއި ޝަރީއަތާއި ގާނޫނުގެ ޑިގުރީ (ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި އެލްއެލްބީ) ޕްރޮގްރާމުތައް ހިމެނެ އެވެ.
ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ މަގުސަދުގައި ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓްއަށް ފީ ދެއްކޭނެ ގޮތް ވެސް އެކޮލެޖުން ވަނީ އިންތިޒާމް ކޮށްފަ އެވެ. މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލާސް ޑިގްރީ ޕްރޮގްރާމްތަކަށް ކިޔެވޭނެ އެވެ.












