ގައުމީ ހޭންޑްބޯލް މުބާރަތުގެ ދެ ވަނަ ޑިވިޝަނުގެ ފިރިހެން ޗެމްޕިއަންކަން ޓެންޓް ސްޕޯޓްސް ކުލަބުން ހޯދިއިރު, އަންހެން ޗެމްޕިއަންކަން ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް އިން ހޯދައިފި އެވެ.
ދެ ވަނަ ޑިވިޝަނުގެ ފައިނަލްތައް ރޭ ކުރިއަށްދިޔައިރު, ފިރިހެން ޗެމްޕިއަންކަން ޓެންޓް އިން ހޯދީ ފިއޮންޓި ސްޕޯޓްސް ކުލަބް 30-15 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ފިއޮންޓިގެ އަހުމަދު ފިރާޝް އެވެ.
ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިންނަކީ ޓެންޓުގެ އަބްދުالله ޒިމާމް, އިބްރާހީމް ހައިޝަމް އަބްދުالله, އަހުމަދު ފިރާޝް, ފްލައިން އީގަލްސް ސްޕޯޓްސްގެ އަބްދުالله އައްޒާމް, ޓެންޓުގެ އަހުމަދު އަބްދުލް ސައްތާރު, ބޮންތި ސްޕޯޓްސް ކުލަބްގެ ފިރުޝާން މުހައްމަދު, ޓެންޓުގެ އިސްމާއިލް ޝުއާއު އަބްދުالله އެވެ.

ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ޓެންޓް ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ތަށްޓާ އެކު.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ވެލިދޫ ޔުނައިޓެޑުގެ މުހައްމަދު ޔަސްމު އަހުމަދު އެވެ.
ރޭ ވަނީ މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލް ވެސް ކުޅެފަ އެވެ. އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ތުޅާދޫ ޔަންގް އީގަލް އިން ހޯދީ ސުޕަ ޖެނެރޭޝަން ކުލަބް 32-14 އިން ބަލިކޮށްގެންނެވެ.
އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިންނަކީ, ތުޅާދޫ ޔަންގް އީގަލްސްގެ, ޝިޒްނާ ރަޝީދު, ޒުހާ ހުސެއިން, އާމިނަތު ފަޒްލާ, ކައުސަރު އާދަމް ސައީދު, މަރިޔަމް ލީން އަހުމަދު, ސުޕަ ޖެނެރޭޝަންގެ އާމިނަތު ޝުދާ އަދި ޔޫތް ސްޕޯޓްސް ކުލަބްގެ ފާތިމަތު ނިއުޝާ އެވެ.
އަންހެން ޑިވިޝަނުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ ފާތިމަތު ލީމް ރިޝާދެވެ.












