ގައުމީ ހޭންޑް ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވެލިދޫ ޔުނައިޓެޑުން ހޯދިއިރު, މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އޮރިކްސް ހޭންޑްބޯލް ކުލަބުން ހޯދައިފި އެވެ.
ވިއްސާރައިގެ ސަބަބުން މަހެއްހާ ދުވަހަށް ފަސްކުރަން ޖެހުނު ފައިނަލްތައް ރޭ ވަނީ ކުޅެފަ އެވެ.
ރޭ ހޭންޑްބޯލް އައުޓް ޑޯ ކޯޓުގައި ކުޅުނު ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗު ވެލިދޫ ޔުނައިޓެޑުން ކާމިޔާބުކުރީ ޒެފްރޯލް ބަލިކުރުމަށްފަހު އެވެ. މި މެޗު ވެލިދޫ ޔުނައިޓެޑުން ކާމިޔާބުކުރީ 37-26 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެލިދޫ ޔުނައިޓެޑްގެ މުހައްމަދު ޔަޝްމު އަހުމަދެވެ.
ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ވެލިދޫ ޔުނައިޓެޑުގެ ވިޝާން އަބްދުލް މަޖީދު, ވެލިދޫގެ ޔަޝްމު, މުހައްމަދު އައްފާން އާތިފް, ރާއިދު ރަޝީދު, ޒެފްރޯލްގެ އިސްމާއިލް ފަރުހާން, އަހުމަދު ނަޖީބު އަދި މުހައްމަދު ފިރުނާޝް އަބްދުالله އެވެ.

ގައުމީ ހޭންޑްބޯލް މުބާރާތުގެ ތަށި އޮރިކްސްގެ ކުޅުންތެރިންނަށް ކުޅިވަރާ ބެހޭ ވަޒީރު ހަވާލު ކުރައްވަނީ - ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ރޭ ވަނީ ގައުމީ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލް މެޗު ވެސް ކުޅެފަ އެވެ. މި މެޗު ރެޑްހޯކްސްގެ މައްޗަށް އޮރިކްސްއިން ކުރިހޯދީ 20-18 އިންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޮރިކްސްގެ ފާތިމަތު އަރުޝާ އެވެ.
އަންހެން ޑިވިޝަނުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ, އޮރިކްސްގެ ފާތިމަތު ޖޫޒާން ޒަރީރު, އަރުޝާ, ޒުލެއިހާ އިބްރާހީމް, ފާތިމަތު ޝިފާ, ރަފާހާ އިބްރާހީމް, ރެޑްހޯކްސްގެ ފިރުޝާނާ ނަސީރު އަދި ފާތިމަތު ޖުނާ އެވެ.
އޮރިކްސް އިން މިދިޔަ އަހަރު ގައުމީ މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި، ކީން ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދައިގެންނެވެ. އެ ގޮތުން ފައިނަލް މެޗުގައި އޮރިކްސް މޮޅުވީ، 16-25 އިންނެވެ. މިދިޔަ އަހަރު ފިރިހެން ޑިވިޝަންގެ ތަށި އުފުލާލީ ފިއުޗާ ސްޕޯޓްސް އެކެޑަމީންނެވެ.
މި ފަހަރުގެ މުބާރާތުގެ ފައިނަލް މެޗުތަކުގެ ޝަރަފްވެރި މެހެމާނަކީ، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) އެެވެ.












