އެއްވެސް ރައްޔިތެއް މެދުގައި ތަފާތުކުރުން ނުގެންގުޅޭނެ ކަމަށް މާލެ ސިޓީގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމަށް ވޯޓު ދެއްވި ރައްޔިތުންނަށް ޝުކުރު ދަންނަވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ އެއްވެސް މީހެއް ތަފާތު ނުކޮށް، އެންމެންގެ މޭޔަރަކަށް ވާނެ ކަމަށެވެ. އަދި މިއީ ފެހި ތަނަވަސް މާލެއެއް ހޯދައި ދިނުމުގެ މަސައްކަތް މިހާ ހިސާބުން ފެށުނީ ކަމަށް ވެސް އެ ޕޯސްޓުގައި އޭނާ ވިދާޅުވި އެވެ.
އިއްޔެ ބޭއްވި މޭޔަރު ބައި-އިލެކްޝަން އާޒިމް ކާމިޔާބު ކުރެއްވީ 7،621 ވޯޓުންނެވެ. އާޒިމްއާ އެންމެ ގާތު ވާދަކުރެއްވި އާޒިމާއަށް ލިބިވަޑައިގަތީ 5،031 ވޯޓެވެ.
އާޒިމްގެ މެނިފެސްޓޯގައި މާލެއަކީ ސާފުތާހިރު ތަނަކަށް ހެދުމަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރެއްވި އެވެ. މާލޭގެ ކުނި މެނޭޖްކޮށް، މާލެއަށް ޒިޔާރަތްކުރާ މީހުންނަށް ވެސް، މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް މަސައްކަތް ކުރައްވާނެކަމަށް އާޒިމް ވިދާޅުވެފައިވެ އެވެ.














