ހުއްޓުމެއް ނެތި ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ގިނަ މަގުތަކެއްގައި ހިނގާބިނގާވެ އުޅުމަށާއި ވެހިކަލް ދުއްވަން ދަތިވާ ވަރަށް ބޮޑުވި ފެންގަނޑު ހިންދައި މާލެ އާންމު ހާލަތަށް ގެނެސްފި އެވެ.
އިއްޔެ ރެއިން ފެށިގެން ރޭ ދަންވަރާ ހަމައަށް ހުއްޓުމެއް ނެތި މާލެ އާއި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ދިޔައީ ވާރޭ ވެހެމުންނެވެ. މާލެ އަށް ވާރޭ ވެހި، މާފަންނު އަވަށުގެ ބޮޑު ސަރަހައްދެއްގައި ވަރަށް ބޮޑަށް ފެން ބޮޑުވި އެވެ. އެހެން އެ ސަހައްދުގެ މަގުތައް ވެސް ބަންދުކުރި އެވެ. އަދި މާލޭގެ އެހެން ބައެއް ސަރަހައްދުތަކާއި ބޮޑެތި މަގުތަކުގައި ވެސް ފެން ބޮޑުވި އެވެ.
މާލޭގައި ފެން ހިންދައި އާންމު ހާލަތަކަށް ގެނައީ، ފެން ހިންދަން އިތުރު ޕަންޕު ބޭނުންކޮށްގެންނެވެ.
"މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން ފެން ހިންދުމަށް އެމްއެންޑީއެފުން [އިއްޔެ] ހެނދުނުން ފެށިގެން ކުރަމުންދާ މަސައްކަތުން، މިހާތަނަށް 27449 ޓަނުގެ ފެން ވަނީ ޕަންޕު ބޭނުންކޮށްގެން ހިންދާފަ. މި މަސައްކަތުގައި މިހާރު 8 ސަރަހައްދެއްގައި 23 ޕަންޕު ދަނީ ބޭނުންކުރަމުން،" ރޭ މެންދަމު އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
މިހާރު ވާރޭ ވެހުން ހުއްޓިފައި ވާއިރު، މާލެ އާންމު ހާތަކަށް އަޅުވައި އޮޕަރޭޝަން ހުއްޓައިލީ ފަތިހު އެވެ.

"މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުން، އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސަރވިސްއިން ފެންހިންދުމުގެ މަސައްކަތް ކުރަމުންދިޔަ ސަރަހައްދުތައް އާންމު ހާލަތަކަށްވަނީ ގެނެވިފައި،" ފަތިހު ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބައެއް ގެތަކާއި ވިޔަފާރިތަކަށް ގެއްލުން ލިބިފައިވެ އެވެ.

ބޯކޮށް ވާރޭ ވެހި މާލޭގައި ރޭ ފެންބޮޑުވެ، ފިހާރައެއްގެ ތެރެއަށް ވަދެފައިވާ ފެންގަނޑު ހިއްކުމުގެ މަސައްކަތް އެ ފިހާރައިގެ މުވައްޒަފުން ކުރަނީ. -- ފޮޓޯ: އަދަދު
އެމްއެންޑީއެފުން ބުނީ މާލޭ ސަރަހައްދުގައި މިހާތަނަށް 176 ގެއަކަށް ފެން ނުވަންނާނެހެން ވެލި ބަސްތާޖަހައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބިފައިވެ އެވެ.












