ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ވެރިރަށް މާލޭގައި ފެންބޮޑުވެ، ގަދަވަޔާއެކު ބައެއް ގަސްތައް ވެއްޓި އެކި ވަރުގެ ގެއްލުންތައް ލިބެމުން އެބަަ ދެ އެވެ.
މިހާރު މާލެއަށް ކުރަމުންދާ ގަދަ ވިއްސާރަގައި ރެހެންދި ހިނގުމުގައި ހުރި ބޮޑު ގަހެއް ވަނީ ކާރެއްގެ މައްޗަށް ވެއްޓިފަ އެވެ. އޭގެ އިތުރުން ގޭގެއަށް ވެސް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.
މާލޭގައި ފެން ހިންދުމަށް އެމްއެންޑީއެފް އިން މިހާރު މަސައްކަތް ކުރަމުންދާއިރު މެދުނުކެނޑި ބޯކޮށް ވާރޭ ވެހޭތާ މިހާރު ވެސް ތިން ގަޑިއިރު ވެއްޖެ އެވެ. ސިފައިން ބުނީ މުޅި މާލޭގައި ފެންބޮޑުވެފައިވާއިރު ބައެއް ހިސާބުތަކުގައި އަށް އިންޗިއާ ހަމައަށް ފެންގަނޑު އަރާ ކަމަށެވެ.
ސިފައިން އާންމު ކުރި ޗާޓަކުން ފެންނަ ގޮތުގައި އެންމެ ބޮޑަށް ފެންބޮޑުވީ މާފަންނުގަ އެވެ. ނަމަވެސް ޖުމުލަކޮށް ހުރިހާ ސަރަހައްދެއްގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ.

ފެންބޮޑުވެފައިވާ ސަރަހައްދުތައް ދައްކުވައިދޭ ޗާޓެއް:

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ސާވިސަސް އިން މިހާރު ދަނީ އެސްޓީއޯ ފުށްގުދަން، އައިޖީއެމްއެޗް، ވެސްޓްޕާކު، އަދި ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޮޑުވަޅު ކައިރީ ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
މި ދުވަސްވަރު ރާއްޖެއަށް މޫސުން ފުދޭ ވަރަކަށް ގޯހެވެ. ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެ ހުރަސްކޮށް ދަތުރު ކުރާތީ، ތިން ވަރަކަށް ދުވަހަށް މޫސުން ގޯސްވާނެ ކަމަށް މިދިޔަ އަންގާރަ ދުވަހު މެޓު އޮފީހުން ވެސް ބުނެފައިވެ އެވެ.
"ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާނެ ކަމަށް ނިމުތު ކުރެވޭތިވެ، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ. ވީމާ މޫސުމަށް ސަމާލުވުން އެދެން،" މޫސުމާ ބެހޭ އިދާރާއިން ބުނެފައިވެ އެވެ.
ބޯކޮށް ވާރޭވެހި, މާލޭގައި އެންމެ ފަހުން ފެން ބޮޑުވި ދުވަހު, 100 އަށް ވުރެ ގިނަ ގެޔަށް ފެނުގެ އަސަރުކޮށް, 11 ގެއެއްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނެވެ.












