ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އާބަންކޯ (ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ފަޒުލް ރަޝީދު އައްޔަނުކޮށްފައި ވަނީ މިނިސްޓަރެއްގެ ފެންވަރުގައި ކަން ރައީސް އޮފީހުން ހާމަކޮށްފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާ ގުޅޭ މައުލޫމާތު އާންމުކޮށް ހާމަކުރަމުން ދިޔައީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިންނެވެ. އެއީ އެ މަގާމުތަނަށް މީހުން އައްޔަނު ކުރަނީ އެ ބޯޑުން ކަމަށްވާތީ އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި ހާމަކުރަމުންދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުތަކަށް އައްޔަނުކުރައްވާ ބޭފުޅުންގެ ނަމާއި ފޮޓޯ އެކަންޏެވެ. އެ ވެބްސައިޓުގައި މިނިސްޓަރުންގެ ފެންވަރުންގެ ސެކްްޝަންގައި މީގެ ކުރިން ފަޒުލްގެ ނަމެއް ނެތެވެ.

ފަޒުލްގެ އިތުރުން ދެން ތިއްބެވީ ރާއްޖޭގެ ދެ ޔުނިވާސިޓީގެ ޗާންސެލަރުން
އެކަމަކު, އެ ސެކްޝަނުގައި "މިނިސްޓަރުން ފެންވަރުގެ ބޭފުޅުން ލެވެލްގެ އިތުރު މަގާމުތައް' ދަށުގައި ފަޒުލްގެ ނަމާއި ފޮޓޯ މިހާރު ވަނީ ހިމަނައިފަ އެވެ. އޭނާގެ މަގާމެއްގެ ގޮތުގައި އޮތީ "މެނޭޖިން ޑިރެކްޓަރު, ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ކަމަށެވެ.

މިއީ ސަރުކާރުގެ ވިޔަފާރި ކުންފުންޏެއްގެ މަގާމަކަށް، މިނިސްޓަރެއްގެ ފެންވަރުގައި މީހަކު އައްޔަންކުރި ދެވަނަ ފަހަރެވެ. ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ޒުހޫރު އައްޔަނުކުރީ މިނިސްޓަރެއްގެ ފެންވަރުގަ އެވެ.
އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމާ ހަމައަށް، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ފަޒުލު ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަން އަދާ ކުރައްވާފަ އެވެ.
މިނިސްޓަރުންގެ ފެންވަރުގައި މިހާރު ވެސް 20 ބޭފުޅުން އައްޔަން ކުރައްވާފައިވެ އެވެ. އޭގެތެރެއިން ގިނަ ބޭފުޅުން ތިއްބެވީ ރައީސް އޮފީހުގަ އެވެ.













