ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ނުވަތަ ޖީޑީޕީ 12 ބިލިއަނަށް އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ އަމާޒު ހާސިލުކުރުމަށް އަހަރެއްގެ މައްޗަށް ހަތަރެއް ނުވަތަ ފަސް މިލިއަން ޓޫރިސްޓުން ރާއްޖެ ގެންނަންޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ކަނޑައަޅައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި އިފްތިތާހުކުރުމަށް މިރޭ ބޭއްވި ޖަލްސާގަ އެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަމުން މިނިސްޓަރު ވިދާޅުވީ އިކޮނޮމިކް ޒޯނެއް ކަނޑައަޅައި ވީއައިއޭ ތަރައްގީކުރުމުގެ މި ޕްލޭނަކީ ރާއްޖޭގެ އިގުތިސޯދީ ހާލަތު ބަދަލުކުރުމަށް ސަރުކާރުން ނިންމި މުހިންމު ނިންމުމެއް ކަމަށެވެ.
ރާއްޖޭގެ އިގުތިސޯދު ބަދަލުކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރާ އެއްގޮތަށް ރާއްޖޭގެ ޖީޑީޕީ 12 ބިލިއަން ޑޮލަރަށް އިތުރުކުރުމަށްޓަކައި އަހަރަކު ހަތަރު މިލިއަން ނުވަތަ ފަސް މިލިއަން ޓުއަރިސްޓުން ރާއްޖެ ގެނެވެންޖެހޭނެ ކަމަށެވެ.
"ހަތަރު މިލިއަން ނުވަތަ ފަސް މިލިއަން ޓުއަރިސްޓުން އަހަރަކު ރާއްޖެ ގެނެވެންޖެހޭ. އެ ހާލަތު ބަދަލުކޮށްގެން މެނުވީ އަހަރުން އަހަރަށް އަޅުގަނޑުމެން މި އުފައްދާ ޑެފިސިޓް، ދައުލަތުން އުފައްދާ ދަރަނި ހަމަ ދާނީ މައްޗަށް. ޖީޑީޕީއާ އެރައިވަލްއާ އޮތް ގުޅުން 2003 ފެށިގެން 2022 އަށް ގާތްގަނޑަކަށް، ކޯރިލޭޝަން، މިކަމުގެ ފަންނީ ހިސާބު ޖެއްސެވި ޓީމުން އަޅުގަނޑުމެންނަށް 95 ޕަސެންޓް އެކުއެރިސީއެއް އެބަ ގެނެސްދޭ. އެ ހިސާބު ބުނަނީ މި ޑިޒިޝަން ރައީސުލްޖުމްހޫރިއްޔާ ނަންގަވަން ޖެހެޔޭ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް ތަރައްގީކުރުމުގެ މި ބިޔަ މަޝްރޫއު ނިމޭއިރު ޓޫރިޒަމް އިންޑަސްޓްރީ އާއި އެއާލައިން އަދި ކާގޯ އިންޑަސްޓްރީގެ ޝަކުވާތަކަށްވެސް ހައްލު ލިބިގެންދާނެ ކަމަށާއި އަދި ރާއްޖޭގައި ބޮޑު ޓްރާންސިޓް މާކެޓެއް އުފެދުމަށް ފުޅާ ފުރުސަތަތުތަކެއް އުފެދިގެން އަންނާނެ ކަމަށެވެ.
"މި ޕްރޮޖެކްޓުން ފިއުލް އަގު ހެޔޮވުމަށް ފުރުސަތު ދޭނެ. މި ޕްރޮޖެކްޓުން ކާގޯ އެތައް ގުނައަކަށް އިތުރުކުރުމުގެ ފުރުސަތު ދޭނެ. މި ޕްރޮޖެކްޓުން ވިޒިޓާ ބޭސްޑް އިކޮނޮމީއެއް ހަރުދަނާކޮށް ފުޅާކުރަން އެއްވެސް ޝައްކެއް ނެތް ފުރުސަރު އެތައް ގުނައަކަށް ފަހިވެގެން ދާނެ،" ސައީދު ވިދާޅުވި އެވެ.
ސަރުކާރުން މިރޭ އިފްތިތާހުކުރި މި މަޝްރޫއުގެ ދަށުން ވެލާނޭ އިންޓަނޭޝަނަލް އެއާޕޯޓުން ހިދުމަތްދޭ ޕަސިންޖަރުންގެ އަދަދު ހަތް މިލިއަނުން 25 މިލިއަނަަށް އިތުރުކުރުމަށް ވަނީ ރާވާފަ އެވެ. އަދި ޖެޓް ޓާމިނަލެއް ތަރައްގީކޮށް ސީޕްލޭން ޓާމިނަލާއި ހިދުމަތް އެއްކޮށް ފުނަދޫގައި ގާއިމުކުރާ ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރަކަށް ބަދަލު ކުރަން ވަނީ ރާވާފަ އެވެ.












