އައްޑޫ ސިޓީގައި އިހި ނަގަން މޫދަށް ފައިބައި އުޅެނިކޮށް ޑިސެމްބަރު 21، 2023 ގައި ގެއްލުނު އުމުރުން 18 އަހަރުގެ މުހައްމަދު ނައީޝް ހޯދުމުގެ އޮޕަރޭޝަން އެމްއެންޑީއެފުން ކުޑަކޮށްފި އެވެ.
އެ އޮޕަރޭޝަންގެ މިންވަރަށް ބަދަލުތަކެއް ގެނައި ނަމަވެސް އެކަމުގެ ތަފްސީލެއް އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލް ނުދެއްވަ އެވެ.
ނައީޝް ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުގެ މަގުން ދިޔައީ ކުރަމުންނެވެ. ނަމަވެސް މިހާރު އޮޕަރޭޝަން ކުރިއަށް ގެންދަނީ ކޮން މިންވަރެއްގައި ކަމެއް ނުބުނެ އެވެ.
މީހުން ގެއްލިގެން ހިންގާ އޮޕަރޭޝަންތައް ކުރިއަށް ގެންދާއިރު، ވައިގެ މަގުންނާއި ކަނޑުގެ މަގުން ބެލި ސަރަހައްދާއި އޮޕަރޭޝަންގެ ފުރިހަމަ މައުލޫމާތު އެމްއެންޑީއެފުން ކުރިން ބުނެ އެވެ. ނައީޝް ހޯދުމުގެ އޮޕަރޭޝަންގެ މައުލޫމާތު ވެސް ކުރިން ހާމަކޮށްފައިވެ އެވެ.
ނައީޝް ގެއްލުނީ އިތުރު ދެ މީހަކާއެކު އައްޑޫ ގަމުގެ ދެކުނުން އިހި ނަގަން މޫދަށް ފައިބައި އުޅެނިކޮށެވެ.













