މެދުތެރޭ ޖަޕާނުގެ ސަރަހައްދަކަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދޭނެ ކަމަށް އިންޒާރު ދީފައިވާ ވަރުގަދަ ސުނާމީއާ ގުޅިގެން ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް މެޓް އޮފީހުން ހާމަކޮށްފި އެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މި ބިންހެލުން އައިސްފައި ވަނީ ރިކްޓާ މިންގަނޑުން 7.4 މެގްނިއުޓްޑްގެ ބާރު މިނުގަ އެވެ. މި ބިން ހެލުމާ އެކު އުފެދޭ ސުނާމީގެ ރާޅުތައް ފަސް މީޓަރަށް އުފުލޭނެ ކަމަށް ބައެއް އިދާރާތަކުން ވަނީ މިހާރު އަންދާޒާކޮށްފަ އެވެ.
މެޓް އޮފީހުން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ވަނީ ޖަޕާނުގެ ހޮންޝޫ ސަރަހައްދަށް އައި ބިންހެލުމާ ގުޅިގެން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަން ރައްޔިތުންނަށް ޔަގީންކޮށްދީފަ އެވެ.
ޖަޕާނުގެ ހުޅަނގު އައްސޭރިފަށުގެ ސަރަހައްދުތަކަށް ސުނާމީ ރާޅުތަކެއް އަރާ މަންޒަރު މިހާރު ވަނީ ދައުރުވާން ފަށާފަ އެވެ. އެ ރާޅުތަކުގެ ބާރުމިނާއި އޭގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.
ޖަޕާން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޝިކަވާ, ނީގަޓާ, ޓޮޔާމާ އަދި ޔަމަގާޓާގައި އުޅެމުންދާ މީހުން ރައްކާތެރި ހިސާބުތަކަށް ވަގުތުން ދިޔުމަށް ވަނީ އަންގާފަ އެވެ.

މި ބިންހެލުމުގެ އަސަރު ވެރިރަށް ޓޯކިޔޯގެ އިތުރުން ކަންޓޯއަށް ވެސް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.












