ފޯކައިދޫ ކައިރިން މޫދުގައި އޮނުތަކެއް އޮޔާދާތީ އެ ސަރަހައްދުން ކަނޑުތަރުކުރާ އުޅަނދުތައް ސަމާލުވާން އެދިއްޖެ އެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އޮނުތައް އޮޔާދަނީ ށ. ފޯކައިދޫ އާއި ށ. މަޑިދޫއާ ދޭތެރެއިން ހުޅަނގު އުތުރަށް ށ. ފޭދޫއާ ދިމާލަށް ވާގޮތަށް ކަމަށެވެ.
"އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން، ހާއްސަކޮށް ރޭނގަޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވެލެއްވުމަށް އިލްތިމާސްކުރަން،" އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
މީގެ ކުރިން ވެސް މިފަދައިން އޮޔާދާ ލަކުޑިގަނޑު ފަދަ ތަކެތީގައި ކަނޑު އުޅަނދުތައް ޖެހި ހިތާމަވެރި ހާދިސާތަކެއް ވަނީ ހިނގާފަ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހާއްސަކޮށް އުތުރު އަދި މެދުރާއްޖޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވެސް އެ އިދާރާއިން އެދިފައިވެ އެވެ.














