ސައިފްއަށް މޭޔަރުކަން ލިބިއްޖެނަމަ ދަތި މަގުތަކުން ދޫކޮށްފައި ހުރި ޕްރައިވެޓް ޕާކިން ސްލޮޓްތައް ނަގަނީ

މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ ސައިފު ފާތިހު، އޭނާ އަކީ މިހާރުވެސް ސިޓީ ކައުންސިލްގެ މެމްބަރެއް، މާލެ ސިޓީގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ގިނަ ހައްލުތަކެއް އޭނާ ހުށަހަޅުއްވާ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ ސައިފު ފާތިހު، އޭނާ އަކީ މިހާރުވެސް ސިޓީ ކައުންސިލްގެ މެމްބަރެއް، މާލެ ސިޓީގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ގިނަ ހައްލުތަކެއް އޭނާ ހުށަހަޅުއްވާ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ދަ ޑިމޮކްރެޓްސްގެ ކެންޑޭޓް ސައިފު ފާތިހު (އައިކޮ) އަށް މޭޔަރުކަން ލިބިއްޖެނަމަ، ދަތި މަގުތަކުން ދޫކޮށްފައި ހުރި ޕްރައިވެޓް ޕާކިން ސްލޮޓްތައް ނަގާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

މޭޔަރުކަމުގެ ބަހުސްގައި މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް ޓްރެފިކް އަދި ޕާކިން ނިޒާމަށް ގެންނާނެ ބަދަލުތަކާއި ގުޅޭ ގޮތުން ސުވާލު ކުރުމުން މާލޭގެ ޕާކިން އަދި ޓްރެފިކް ހާލަތު ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ޕްރައިވެޓް ޕާކިން ސްކީމް ނުވަތަ ޕާކިން ސްލޮޓް ދޫކުރުމަށް ހާއްސަކޮށްފައި އޮތް ސްކީމް ރިވިއު ކުރާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން، މައި މަގުތަކާއި ސްކޫލްތަކާއި ހޮސްޕިޓަލާއި ކްލިނިކްތައް އަދި ސަރުކާރު އޮފީސްތައް ކައިރިން، ދަތި ދޭތެރެތަކުން ދޫކޮށްފައި ހުރި ޕްރައިވެޓް ޕާކިން ސްލޮޓްތައް ނަގާނެ ކަމަށް ސައިފު އިއުލާން ކުރެއްވި އެވެ.

"ޕާކިން ސްލޮޓްތަކަށް އެދިފައި ހުރި މީހުންނާއި، ސްލޮޓްތައް ދޫކޮށްފައި ހުރީ ކޮން ބަޔަކަށް ކިހާ މުއްދަތަކަށް ކަން އެނގޭނެހެން އެކަން ހާމަ ކުރާނަން، ހާމަ ލޮގެއްގައި ނޫނީ އެކަން ހިނގައިގެން ނުވާނެ، ކައުންސިލަށް މިހާރުވެސް ކޮރަޕްޝަންގެ ތުހުމަތުތައް އަމާޒުވެގެން ދަނީ ސިއްރިއްޔާތުގައި މިކަން ކުރާތީ،" ސައިފު ވިދާޅުވި އެވެ.

ސައިފުގެ ވާހަކައިގައި "ވެހިކަލް ކެރީން ކެޕޭސިޓީ" އަށް އަލިއަޅުވާލައި، ގާނޫނުގައި އޮތް ގޮތަށް ވަކި އަދަދަކަށް ވެހިކަލް ގެންގުޅުމުގެ އުސޫލަށް އަމަލު ކުރުން މުހިންމުކަން ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރު، އެކަން އެގޮތަށް ނުވެ އޮތީ ވަކި ސަބަބުތަކެއް ހުރެގެން ކަން، ސައިފު ފާހަގަކުރެއްވި އެވެ.

އެގޮތުން، ވިޔަފާރިވެރިންގެ މަސްލަހަތު އިސް ކުރުމާއި ސިޔާސީ ކޯޅުމަކީ ވެހިކަލް ގެންގުޅުމުގެ އަދަދު ހިފެހެއްޓުމެއް ނެތް ވަރަށް ދޫވެފައި އޮތް ސަބަބުތައް ކަމަށް ސައިފު ވިދާޅުވި އެވެ. މިހާރުވެސް މާލޭގައި 3،800 އެއްހާ ސައިކަލު އަދި 500 އަށްވުރެ ގިނަ ލޮރީ، ޕިކަޕު ގެންގުޅޭ ކަމަށް ސައިފު ވިދާޅުވި އެވެ.

"ޓެކްސީ އަދި ބޮޑެތި ވެހިކަލް މާލޭގައި ޕާކް ކުރުން ހުއްޓާލަން ޖެހޭ، މިއޮތީ ހުޅުމާލެއާ ގުޅިފައި ބުރިޖަކުން، ހުޅުމާލޭގައި ބައިވަރު ހުސް ލޮޓްތައް އެބަހުރި، ކީއްކުރަންތޯ ދެ ޓަނުގެ، 4 ޓަނުގެ ޕިކަޕުތަކާއި އެތައް ކާރުތަކެއް މާލޭގެ މިއޮށް ކުޑަ ޖާގައިގައި ގެންގުޅެންވީ، ބަރު ވެހިކަލް ޕާކު ކުރުން ހުޅުމާލެއަށް ބަދަލު ކުރަން ޖެހޭ،" ސައިފު ވިދާޅުވި އެވެ.

އޭގެ އިތުރުން، ސްޓްރީޓް ޕާކިން ނުވަތަ މަގުތަކުގައި ޕާކު ކުރުން ވީހާ ވެސް މަދު ކުރުމަށް ކުރެވޭނެ ކަންކަމަށް އޭނާ އަލުއަޅުވާލި އެވެ. އެގޮތުން، މަގަށް ހުންނަ ގޯތިތަކާއި އިމާރާތަތްތައް ސިޓީ ކައުންސިލަށް ކުއްޔަށް ނެގޭނެ ގޮތްތަކެއް ބަލަން ޖެހޭ ކަމަށް ސައިފު ވިދާޅުވި އެވެ.

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަމުގައި ހުންނެވި އިރު 10 ސަރަހައްދެއްގައި މަލްޓި ޕާކިން ސިސްޓަމް ގާއިމް ކުރުމަށް ރާވާފައިވާކަން ވެސް ސައިފު ފާހަގަކުރެއްވި އެވެ.

އެ މަސައްކަތް ނިމިގެން ދާއިރު، މާލޭގެ މަގުތަކުގެ ހާލަތަށް އެދެވޭ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ސައިފު ވިދާޅުވި އެވެ.

މާލެ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ ޖެނުއަރީ 13، ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox