އާ އަހަރު ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށް ސަރުކާރުން ރޭވި "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" ގެ ހަރަކާތްތަކުގެ ތެރެއިން ރޭގަނޑު ބޭއްވުމަށް ނިންމާފައިވާ ހަރަކާތްތައް ފަސްކޮށްފި އެވެ.
އާ އަހަރު ފެށުމުގެ މުނާސަބަތުގައި ޔޫތް މިނިސްޓްރީން އިސްނަގައިގެން ޑިސެމްބަރު 31, 2023 ގައި ހަވާ އެރުވުމާއި ލޭޒާ ޝޯއާއެކު، މިއުޒިކް ފެސްޓިވަލެއް ބޭއްވުމަށް ވަނީ ރާވާފަ އެވެ.
ދެ ޖިންސުގެ ޒުވާނުންނާއި ކުޑަކުދިންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ މި ފެސްޓިވަލުގައި ކުޑަކުދިންނަށް ހާއްސަ އާއިލީ ހަވީރެއްވެސް އެ ދުވަހު ބާއްވަން އޮތީ ރާވާފަ އެވެ.
ނަމަވެސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ފެސްޓިވަލުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުންގެ ޝައުގުވެރިކަން އޮތް ނަމަވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ ހިމެނޭހެން ރީނދޫ ސަމާލު ނެރެފައި ކަމަށެވެ.
އެއާއެކު ދަތުރުފަތުރު ކުރުމުގައި ދިމާވާނެ ދަތިތަކާއި ގުޅިގެން އެ ފެސްޓިވަލުގެ ރޭގަނޑުގެ ހަރަކާތްތައް ފަސްކުރަން ނިންމާފައިވާ ކަމަށެވެ.

މޫސުން ރަނގަޅުވުމުން މި ފެސްޓިވަލް ބާއްވާނެ ތާރީހެއް ކަނޑައަޅައި އަންގާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އާ އަހަރު ފާހަގަކުރުމުގެ ގޮތުން މިދިޔަ ސަރުކާރުތަކުގައި ވެސް އެކި ނަންނަމުގައި މިއުުޒިކް ޝޯތައް ބާއްވާފައިވެ އެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އެ ސަރުކާރުތަކަށް އަމާޒުވި އެވެ.












