ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީގެ 97 ގެއެއްގައި ފެން ބޮޑުވި ކަމަށް ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފި އެވެ.
މިއަދު އައްޑޫ ސިޓީއަށް ކުރި ވިއްސާރާގައި އެ ސިޓީގެ ފަސް ރަށެއްގެ ގެތަކަށް ފެން ވަދެ އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ. އެގޮތުން:
- މަރަދޫ އިން 13 ގެއެއްގައި ފެން ބޮޑުވެފައި
- މަރަދޫ ފޭދޫގެ ފަސް ގެއެއްގައި ފެން ބޮޑުވެފައި
- ފޭދޫގެ 60 ގެއެއްގައި ފެން ބޮޑުވެފައި
- ހިތަދޫގެ ނުވަ ގެއެއްގެ ގޯތި ތެރޭގައި ފެން ބޮޑުވެފައި
- ހުޅުދޫގެ 10 ގެއެއްގައި ފެން ބޮޑުވެފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.
މީގެ ތެރެއިން މަރަދޫ ފޭދޫގެ އެއް ގެއަކުން ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ. އެ ގެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.
މަރަދޫގައި ފެން ބޮޑުވި 13 ގެއިން ވެސް ފެން ހިއްކައި، އެ ގެތައް އާންމު ހާލަތަށް ރުޖޫއަ ކުރެވިފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެ އެވެ.
އައްޑޫ ސިޓީގެ ގެތަކަށް އެކި ވަރުގެ ގެއްލުންތައް ލިބުނު ނަމަވެސް، އެއްވެސް ގެއަކުން މީހުން ހުސްކޮށް ނުވަތަ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ހިސާބަށް ނުދާ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.

އޭގެ އިތުރުން، މިއަދު ފުވައްމުލައް ސިޓީއަށް ކުރި ވިއްސާރާގައި ވެސް މަގުތަކުގައި ފެން ބޮޑުވެފައިވެ އެވެ. އެހެންނަމަވެސް، އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިހާރު ވެސް އޮތީ ރީނދޫ ސަމާލު ނެރެފަ އެވެ. މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެ އެވެ.












