ނިމާލް: ޒުވާން އުމުރުގައި އެސޯސިއޭޝަން ކަޕް އުފުލާލި ހުނަރުވެރި ކެޕްޓަން

ނިމާލް: ޒުވާން އުމުރުގައި އެސޯސިއޭޝަން ކަޕް އުފުލާލި ހުނަރުވެރި ކެޕްޓަން

ތ. ހިރިލަންދޫ އަށް އުފަން އަލީ ނިމާލް 22, އަކީ ދާދިފަހުން ނިމިދިޔަ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަން ސިޓީ ސްޕޯޓްސް ކުލަބުގެ ކެޕްޓަނެވެ. މި މުބާރާތް ނިމާލަށް އެތައް ގޮތަކުން ހާއްސަ އެވެ. މީގެ ކުރިން ރާއްޖޭގެ ނަން މަޝްހޫރު ބޮޑެތި ކުލަބްތަކުން ނިމާލް ފެނިފައިވިޔަސް އޭރު ނިމާލް ފެންނަނީ, ބެންޗުންނެވެ. އޭރު ވެސް އޭނާގެ ހުނަރަށް ވޮލީ އާއިލާގެ ގިނަ ކޯޗުން ވަނީ ތައުރީފް ކޮށްފަ އެވެ.

އެއިރާއި މި ފަހަރު ތަފާތެވެ. މުޅިން އަލަށް މި އަހަރުގެ އެސޯސިއޭޝަން ކަޕަށް ނުކުތް ސިޓީ ސްޕޯޓްސް ކްލަބް ޓީމުން އެންމެ ފާހަގަ ކޮށްލެވުނީ ކުރިން ބޮޑެތި ކުލަބްތަކުގެ ބެންޗުން ފެނުނު ހުނަރުވެރި ނިމާލް އެވެ. އެކަން އޭނާ ސާބިތުކޮށްދިނީ މުބާރާތުގެ އެންމެ މޮޅު ސެޓަރުގެ މަގާމާ އެކުގަ އެވެ.

ކާއްޓޭގެ ވޮލީ ކޭމްޕް ޒުވާން ކުޅުންތެރިންނަށް ހުޅުވުނު މަގެއް

ނިމާލްގެ ވޮލީ ކެރިޔަރުގެ ފެށުމަކީ އޭނާގެ އުމުރުން 16 އަހަރުގައި މުހައްމަދު ޝާޖިދު (ކާއްޓޭ) ހިރިލަންދޫގައި ކުރިއަށް ގެންދިޔަ ވޮލީ ކޭމްޕާ އެވެ. އުމުރުން 14 އަހަރުން ފެށިގެން ސަކަރާތް ޖަހަން ވޮލީ ކުޅުނު ނިމާލް ކެރިޔަރެއްގެ ގޮތުގައި ވޮލީ ހިޔާރު ކުރީ އެ ކޭމްޕަށް ފަހު އެވެ. ކާއްޓޭ އެ ފަހަރު ބޭއްވި ކޭމްޕުން ގިނަ ޒުވާން ކުޅުންތެރިންތަކެއް ވޮލީގެ ތެރެއަށް ނެރެދިންއިރު, އެ ވޮލީ ކޭމްޕުން ވިދާލި ދެ ކުޅުންތެރިންގެ ތެރޭގައި ނިމާލް ހިމެނެ އެވެ. ދެން ހިމެނޭ ކުޅުންތެރިޔަކީ، މި ފަހަރުގެ އެސޯސިއޭޝަން ކަޕްގައި ކްލަބް އާބަންކޯ އިން ފެނުނު ޝަމާއިލް ހުސައިން އެވެ.

ގައުމީ ޓީމުން ފުރުސަތު ލިބުނީ އެމްއެންޔޫ މުބާރާތުން

ޒުވާން ގައުމީ ޓީމަށް ކުޅުންތެރިން ހޯދުމަށް މިހާރުގެ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) އިއުލާންކޮށްފައި އޮއްވައި، ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން 2021 ވަނަ އަހަރު ބޭއްވި އިންޓަ ފެކަލްޓީ ވޮލީ މުބާރާތުގައި ނިމާލްގެ ކުޅުން ފެނި ގިނަ ކޯޗުންގެ ކަޅި އޭނާ އަށް އަމާޒުވި އެވެ. އެ މުބާރާތުގެ ސީނިއާ ރެފުރީ އަދި އެމްއެންޔޫގެ ކޯޗު ޚާލިދު މުޙައްމަދު (ޚާލީ) މުބާރާތުގެ ތެރެއިންވެސް ފާހަގަކުރީ ގައުމީ ލެވަލްގައި ކުޅޭނެ ކުޅުންތެރިޔަކަށް ނިމާލް ވާނެ ކަމެވެ.

ޔޫތު ގައުމީ ޓީމުން ނިމާލަށް ދޮރު ހުޅުވުނީ އެމްއެންޔޫ ވޮލީ މުބާރާތުންނެވެ. އެ މުބާރާތައް ފަހު ކުރިއަށްދިޔަ ޔޫތް ގައުމީ ޓީމުގެ ޓްރަޔަލްސްގައި ނިމާލް ތަފާތު ދައްކާ ޒުވާން ގައުމީ ޓީމަށް ހޮވުނީ އެވެ.

އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ތައްޓާއެކު ނިމާލް ޓީމުން އުފާފާޅުކުރަނީ - ފޮޓޯ: އެމްއެންޔޫއެސްޔޫ
އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ތައްޓާއެކު ނިމާލް ޓީމުން އުފާފާޅުކުރަނީ - ފޮޓޯ: އެމްއެންޔޫއެސްޔޫ

އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ތައްޓާއެކު ނިމާލް ޓީމުން އުފާފާޅުކުރަނީ - ފޮޓޯ: އެމްއެންޔޫއެސްޔޫ

ސީނިއާ ގައުމީ ޓީމުގައި ހިމެނުން ކެރިޔަރުގައި ލިބުނު ބޮޑު ކާމިޔާބީ

ޒުވާން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ދެއްކި ތަފާތާއެކު 2022 ވަނަ އަހަރު ސީނިއާ ގައުމީ ޓީމުގައި ނިމާލް ހިމެނުނެވެ.

"އަސްލު ވަރަށް އުފާވި ސީނިއާ ގައުމީ ޓީމުގައި ހިމެނުމުން. ގައުމީ ޓީމަށް އެރުމުން އުފާވުމަށްވުރެ ބޮޑަށް ދެކުނީ އެއީ ބޮލުގައި އެޅުނު ޒިންމާއެއްގެ ގޮތުގައި ކުރިއަށްވުރެ ކުރަން ޖެހުނު މަސައްކަތް އިތުުރުވީ" ކަމަށް ނިމާލް ބުންޏެވެ.

ނިމާލް އެންމެ ފުރަތަމަ ގައުމީ ޓީމުގެ މެޗެއް ކުޅުނީ މި އަހަރު ބަންގްލަދޭޝް އާއި ދެކޮޅަށް ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގަ އެވެ. އެ މެޗަކީ ނިމާލްގެ ސީނިއާ ކެރިއަރުގައި މިހާތަނަށް އެންމެ މުހިންމު މެޗުގެ ގޮތުގައި އޭނާ ދެކެ އެވެ.

ގައުމީ ޓީމުގައި ހިމެނި ކުޅެން އެރުން އެއީ ބޮޑު ކާމިޔާބީއެއް. ބަންގާޅު މެޗުގައި ކުޅެން އެރުވި ވަގުތު ފިނިވެފަ ހުރީ އެކަމަކު ޝާޑް ވަރަށް ބޮޑު އެއްބާރުލުމެއް ދިން

ކެރިއަރުގެ މިހާ ހިސާބުން ނިމާލް އަޒުމު ކަނޑައެޅީ ގައުމީ ޓީމު ކުޅުންތެރިންގެ ފަރާތުން ގިނަ ކަންކަން ދަސްކުރުމަށެވެ. ހާއްސަކޮށް އޭނާގެ "އައިޑަލް" އިޝާން އިބްރާހީމް (ބަޓިސް)ގެ ފަރާތުން ގިނަ ކަންކަން ދަސްކުރުމަށް އަޒުމު ކަނޑައެޅި އެވެ.

ބަޓިސް އަކީ އަޅުގަނޑުގެ އައިޑަލް. ވޮލީ ކުޅެން ފެށުމުގެ ކުރިންވެސް ބަޓިސް އެއީ އައިޑަލް ގޮތުގައި ބެލިން

"ބަޓިސްއާ އެކު ކުޅެން ލިބުން އެއީ ފަޚުރެއް. ބަޓިސްއަކީ އަބަދުވެސް ވޮލީގައި އައިޑަލް" ނިމާލް ބުންޏެވެ.

ޒުވާން ގައުމީ ޓީމާއެކު ނިމާލް.....
ޒުވާން ގައުމީ ޓީމާއެކު ނިމާލް.....

ޒުވާން ގައުމީ ޓީމާއެކު ނިމާލް.....

ޝަރަފް ކޯޗު ޓީމު އެކުލަވާލީ ނިމާލަށް

މި ފަހަރުގެ އެސޯސިއޭޝަން ކަޕަށް ސިޓީން ނުކުތީ ތަޖުރިބާ މަދު ކުޅުންތެރިން ގޮވައިގެންނެވެ. އެ ޓީމުގައި ތަޖުރިބާގެ ގޮތުން ބަލާނަމަ ކިރިޔާ ވެސް، ރާއްޖޭގެ މަތީ ލެވަލްގެ ވޮލީގައި ތަޖުރިބާކާރު ދިވެހި ކުޅުންތެރިއަކަށް ހުރީ ފާޒިލްއޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. މި ހުރިހާ ކަމަކާ އެކުގައި ވެސް ސިޓީން ވަނީ ޓީމެއްގެ ގޮތުގައި ކުޅެ ކާމިޔާބީއަށް ވާސިލްވެފަ އެވެ.

މިފަހަރުގެ މުބާރާތުގައި ސިޓީން ޓީމެއްގެ ގޮތުގައި ފެނުމުގެ އަސްލަކީ އެއް ރަށަކަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް އެ ޓީމުގައި ތިބުމެވެ. ނިމާލާ އެކު ހިރިލަންދޫގެ ހަތް ކުޅުންތެރިން އެ ޓީމުގައި ހިމެނެ އެވެ.

މުބާރާތައް ކުޑަތަންވެފައި ވަނިކޮށް ސިޓީގެ ކޯޗު، މުހައްމަދު ޝަރަފް ސިޓީ ޓީމު ބިނާކުރީ ސީދާ ނިމާލަށް ވިސްނައިފަ އެވެ. ނިމާލްގެ ޕްލޭ ސްޓައިލަށް އެކަށޭނެ ކުޅުންތެރިންނާ އެކުގަ އެވެ.

"މި ޓީމު ކޯޗު (ޝަރަފް) އެކުލަވާލީ ސީދާ އަޅުގަނޑަށް ވިސްނާފައި. ކޯޗު އަޅުގަނޑަށް އެކުރި އިތުބާރަށް ޝުކުރުވެރިވާ" ނިމާލް ބުންޏެވެ.

ނިމާލް (މ) ސިޓީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހުރެ އެސޯސިއޭޝަން ކަޕްގެ ތަށި އުފުލާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގައުމީ ޓީމާ އެކު ކަރުގައި މެޑަލް އަޅާލުމަށް ކެތްމަދުވެފައި

ނިމާލްގެ ވޮލީ ކެރިއަރުގެ ބޮޑު އުސްއައްޔަކަށް މިހާރު ފެންނަން އޮތީ މި ފަަހަރުގެ އެސޯސިއޭޝަން ކަޕްގެ ތަށްޓެވެ. އެކަމަކު، އޭނާ ހަގީގަތުގައި ވޮލީގައި ހާސިލްކުރަން ބޭނުންވާ ގިނަ ކަންތައްތައް އެބަހުއްޓެވެ. ކޮންމެ ކުޅުންތެރިޔަކީ ވެސް ޓާގެޓްތަކަކާ އެކު މަސައްކަތް ކުރާ ކުޅުންތެރިއެކެވެ.

އެ ގޮތުން، ނިމާލްގެ ބޮޑެތި ޓާގެޓްތަކެއް ވެސް އެބަހުއްޓެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ނިމާލް ފާހަގަކުރީ ގައުމީ ޓީމާ އެކު ކާމިޔާބީ ހޯދުމެވެ.

"ކެރިއަރު ހުއްޓާލާނީ އިރާދަކުރެއްވިއްޔާ ގައުމީ ޓީމާ އެކު މެޑަލްއެއް ކަރުގައި އެޅުމަށް ފަހު" ނިމާލް ބުންޏެވެ.

ކޮންމެ ކުޅިވަރެއްގައި ވެސް ކާމިޔާބު ކެރިއަރެއް ބިނާކުރުމަށް ބިންގާ އަޅަން ޖެހޭނީ ވަރަށް ކެރިގެންނެވެ. ވިސްނުމެއް އޮވެގެންނެވެ. ހިތްވަރެއް ހުރެގެންނެވެ. ނިމާލަށް ވޮލީ ކެރިއަރު ބައްޓަން ކުރަން ލިބިގެން ދިޔަ އެންމެ ބޮޑު ފަސޭހަ އަކީ އުފަން ރަށުން އާއިލާ މީހުންނާއި ހެޔޮއެދޭ މީހުންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމާއި، ކަންކަން ދަސްކުރަން އޭނާ ބޭނުންވާ ހިނދު އެކަން ފަހިކޮށްދޭ މީހުންނެވެ.

އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އޭނާގެ އާއިލާގެ ފަރާތުންނެވެ. ހާއްސަކޮށް އެއްބަނޑު ބޭބެ އަޙްމަދު މާހިދާއި މުޙައްމަދު އަޒްމީންގެ ނަން ނިމާލް ފާހަގަކުރެ އެވެ. މީގެ އިތުރުން ނިމާލް ވޮލީ އިން ކުރިއަށް ދިޔުމަށް ރަށު ލެވަލްގައި އެހީތެރިވެދިން އެ ރަށުގެ ސެޓަރު ހުސެއިން މުއާޒް (އެރޯ) އެވެ. އަދި ކުރިއަށް ދިޔުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްދިން ނިމާލްގެ ދެ ކޯޗުން ކަމަށްވާ ކާއްޓޭ އާއި ޝަރަފްގެ އިތުރުން ގައުމީ ވޮލީ ޓީމުގެ ހުރިހާ ކުޅުންތެރިންނަކީ އޭނާގެ ޝުކުރުގެ ލިސްޓުން ޖާގަ ހޯދާ ފަރާތްތަކެވެ.

އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ނިމާލްގެ ނަސޭހަތެއް އެބައޮތެވެ.

"ނަމާދުކޮށް ދުވާކޮށް ކުރިއަށް ދިޔުމަށް ހިތްވަރާ އެކު މަސައްކަތް ކުރާނަމަ ކާމިޔާބު ވާނެ."

ނިމާލް އަބަދުވެސް ބުނަން ބޭނުންވާ މައިގަނޑު ވާހަަކަ އަކީ މިއީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox