އެމްއެންޑީއެފް ކޯސްޓުގާޑުގެ އެންމެ އިސްވެރިޔާގެ މަގާމަށް އަނެއްކާވެސް ކާނަލް މުހައްމަދު ސަލީމް އައްޔަން ކުރައްވައިފި އެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައިވާކަން އިއުލާނު ކުރީ އެކްސްގައި އެމްއެންޑީއެފުން ކުރި ޕޯސްޓެއްގަ އެވެ.
މަގާމުގެ ލިޔުން ސަލީމްއާ ހަވާލު ކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް ލިއުޓަނަންޓު އަބްދުއްރަހީމް އަބްދުއްލަތީފް އެވެ.
ކޯސްޓުގާޑުގެ ކޮމަޑާންޓުގެ މަގާމަށް ސަލީމް އައްޔަން ކުރައްވާފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ހިލްމީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްއަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.
ކާނަލް މުހައްމަދު ސަލީމްއަކީ މީގެ ކުރިން ވެސް ކޯސްޓުގާޑުގެ ކޮމަޑާންޓުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ކިޔެވުމަށް ބޭރަށް ވަޑައިގެން އުޅުއްވުމަށްފަހު ހިދުމަތަށް އެނބުރި ވަޑައިގެން އެންމެފަހުން ސަލީމް ފުރުއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަރެއްގެ މަގާމެވެ.














