ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އިންޑިއާގެ އެމްބެސަޑަރު މުނޫ މަހާވަރްއާ އިއްޔެ ބައްދަލުކުރައްވައި، އަސްކަރީ ގުޅުން ވަރުގަދަ ކުރަން މަޝްވަރާ ކުރެއްވި އެވެ.
ސިފައިންގެ މައި މަރުކަޒުގައި ބޭއްވި އެ ބައްދަލުވުމުގައި މަހާވަރްއާއެކު އިންޑިއާ އެމްބަސީގެ ޑިފެންސް އެޑްވައިޒަރު ކެޕްޓަން ޑީޕަކް ބާލީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް ވިދާޅުވީ ޑިފެންސްގެ ދާއިރާއިން ދެ ގައުމުގެ މެދުގައި އޮތް ގުޅުމުގެ މައްޗަށް ވާހަކަ ދައްކައި ދެ ގައުމުގެ އަސްކަރިއްޔާގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.
އެއީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި ދެ ގައުމާ ގުޅޭ ސަލާމަތީ ކަންކަމުގައި މިހާރަށްވުރެ ވެސް ބޮޑަށް ގުޅުން ބަދަހި ކުރަން އުއްމީދު ކުރައްވާ ކަމަށް އެ ބައްދަލުވުމަށްފަހު އެމްބެސަޑަރު މުނޫ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ޗީފް އޮފް ޑިފެންސް ފޯސްއާ އިންޑިއާގެ އެމްބެސަޑަރު ބައްދަލު ކުރެއްވިއިރު، ދިވެހިރާއްޖެއިން އިންޑިއާގެ ސިފައިން ބޭލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފަ އެވެ. އެކަމަށް ސިފައިން އެއްބަސްވެފައިވާ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރަކާއި ޑޯނިއާ މަތިންދާބޯޓެއް އޮޕަރޭޓު ކުރުމަށް ކަމަށް ބުނެ 89 އަކާ ގާތް ކުރާ އަދަދަކަށް ރާއްޖޭގައި އިންޑިއާ ސިފައިންގެ މީހުން ހަރަކާތްތެރިވާ ކަމަށް ސަރުކާރުން ބުނެ އެވެ.
މުހިއްމު ބައެއް ހަބަރު












