ރާއްޖޭގެ މަސްވެރިންނަށް އަމާޒުކޮށް ރެސްކިއު ޑައިވަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ނިންމައިފި އެވެ.
"ވައިފުޅި އަޅައިގެން ފީނައިގެން އެން ދަމާ މަސްދޯނިފަހަރުގައި ރެސްކިއު ޑައިވަރު ފެންވަރަށް ތަމްރީން ލިބިފައިވާ މަދުވެގެން އެއް ފަޅުވެރިޔަކު ބެހެއްޓުމަށްޓަކައި މަސްދޯނިފަހަރަށް އަމާޒުކޮށް ޑައިވިން ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކޮށްފި," ފިޝަރީޒް މިނިސްޓްރީން އެކްސްގައި ހާމަކޮށްފައިވެ އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެކަން ކުރުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ މިހާރު މަސްވެރިކަމުގައި ފީނުމުގެ ތެރެއިން ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުން ކަމަށް ސަރުކާރުން ހާމަކޮށްފައިވެ އެވެ.
މަސްވެރިން މަސައްކަތް ކުރަނީ ވަރަށް ބޮޑު ރިސްކެއްގެ ތެރޭގައި ކަމަށް މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވި އެވެ. އެގޮތުން, ހޮސްޕިޓަލުތަކާއި ދުރުގައި ކަނޑުމަތީ މަސައްކަތް ކުރާއިރު މިފަދަ ނިޒާމެއްގެ ތެރެއިން ކޮންމެ ދޯންޏެއްގައި ރެސްކިއު ޑައިވަރެއް ހުރުމުން ކުއްލި ހާލަތްތަކުގައި އަވަހަށް އެހީދެވޭނެ ކަން ފާހަގަކުރެއްވި އެވެ.












