ޓެކްނިކަލް މައްސަލައެއް ދިމާވެ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި ދިމާވާނެ ދަތިތަކަށް މާފަށް އެދޭ ކަމަށެވެ.
ނަމަވެސް, ދިމާވި މައްސަލަ ހައްލުކުރަން ހޭދަވާނެ ވަގުތެއް އެ ކުންފުނިން ހާމަކޮށްފައި ނުވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހެންވޭރާއި މާފަންނުގެ ބައެއް ސަރަހައްދުތަކުގައި މިވަގުތު ކަރަންޓެއް ނެތެވެ.
ހަމަ މިފަދަ މައްސަލައެއް ދިމާވެގެން މި މަހު 19 ގެ ރޭވެސް މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނެވެ. އެ ރޭ ގަޑީރެއްހާއިރު ވަންދެން ކަރަންޓުގެ ހިދުމަތް މެދުކެނޑުނެވެ.

މާލޭގައި 212،138 މީހުން ދިރިއުޅޭ ކަމަށް އެންމެ ފަހުގެ ބޯހިމެނުމުން ދައްކަ އެވެ.












