އާންމު އުސޫލުން ދައުލަތުގެ އޮފީސްތަކުން މުވައްޒަފުން ލައްވައި ކުރުވާ ކަންކަން ކުރުމަށް އެތަކެއް ކޮންސަލްޓަންޓުންތަކެއް މާލެ ސިޓީ ކައުންސިލުން ނަގާފައިވާއިރު އެފަރާތްތަކާ އެކު އެކުލަވާލާފައިވާ ކޮންޓްރެކްޓްތަކުގެ އަގު 10 މިލިއަން ގިނަ ރުފިޔާއަށް އަރާކަން ހާމަވެއްޖެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން ވަނީ މެއި 17, 2021 އިން ނޮވެމްބަރު 30, 2023 ގެ ނިޔަލަށް މާލެ ސިޓީ ކައުންސިލުގައި ކޮންސަލްޓަންޓުންގެ ގޮތުގައި ހަރަކާތްތެރިވި މީހުންނާއި އެ މީހުން ކޮށްފައިވާ މަސައްކަތުގެ ތަފްސީލު އަދި ދައުލަތުން މަހެއްގެ މައްޗަށް ދީފައިވާ މުސާރަ ހޯދުމަށް އެދިފަ އެވެ.
މި މުއްދަތުގެ ތެރޭގައި ސިޓީ ކައުންސިލުގެ އެންމެ އިސްވެރިޔަކަށް, އެ ކައުންސިލުގެ މޭޔަރަކަށް ހުންނެވީ ނޮވެމްބަރު 17, 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
އެކަމުގެ މައުލޫމާތުތައް ހިއްސާކުރިއިރު ސިޓީ ކައުންސިލުން ދީފައި ވަނީ ކޮންސަލްޓަންޓުންގެ ނަމާއި, މަސައްކަތްތަކާއި, މަހެއްގެ މައްޗަށް ކުރާ ހޭދަ އާއި, އެގްރިމެންޓު ހެދި ތާރީހާއި އެގްރިމެންޓު ހަމަވި ތާރީހު ހިއްސާކޮށްފަ އެވެ.

ސިޓީ ކައުންސިލުން ހިއްސާކުރި މައުލޫމާތުތައް. މަސައްކަތުގެ އެއްވެސް ތަފްސީލެއް ދީފައި ނުވޭ

ނަމަވެސް, އެ މަސައްކަތްތަކުގެ އެއްވެސް ތަފްސީލެއް ދީފައި ނުވެ އެވެ. ހަމައެކަނި ދީފައިވަނީ ކޮންސަލްޓަންސީ ދޭ ދާއިރާ އެވެ. މި ދާއިރާތަކުގެ ތެރޭގައި އާންމު ގޮތެއްގައި ދައުލަތުގެ އޮފީސްތަކުން މުވައްޒަފުން ލައްވައި ކުޑަ މުސާރައަކަށް ކުރުވާ ކަންކަން ހިމެނެ އެވެ.
މި މައުލޫމާތުތަކަށް ބަލާއިރު ހުރިހާ ކޮންޓްރެކްޓެއްގެ އަގު 10,078,500.00ރ. (ދިހަ މިލިއަން ހަތް ލައްކަ އައްޑިހަ ހަ ހާސް ރުފިޔާ) އަށް އަރަ އެވެ. އޭގެ ތެރެއިން ބައެއް ކޮންޓްރެކްޓްތައް މިހާރު ނިމިފައިވާއިރު ބައެއް ކޮންސަލްޓަންޓުންގެ މަގާމުގައި ތިބި މީހުން ވަނީ ރައީސް މުއިއްޒުގެ ސަރުކާރުގެ އެކި ފަންތީގެ މަގާމުތަކަށް ހަމަޖައްސާފަ އެވެ.
އެންމެ ކުޑަ އަގެއްގައި ކޮންސަލްޓަންސީ ދިން ފަރާތްތަކަށް ވެސް މަހެއްގެ މައްޗަށް 18,000ރ. ސިޓީ ކައުންސިލުން ހޭދަކުރެ އެވެ. އެންމެ އަގުބޮޑުކޮށް މަސައްކަތް ހަވާލުކުރީ 45,000ރ. އަށެވެ. މީގެ ތެރެއިން ގިނަ މަސައްކަތްތަކަކީ އާދައިގެ ސިވިލް ސާވިސް މުވައްޒަފުން ލައްވައި ދައުލަތުގެ އޮފީސްތަކުން ކުރާ މަސައްކަތްތަކެވެ. އަދި, އެފަދަ މުވައްޒަފުންނަށް ދެމުންދަނީ ވަރަށް ކުޑަކުޑަ މުސާރައެކެވެ.
ޖުމުލަ 13 ކޮންސަލްޓަންޓުގެ މައުލޫމާތު ސިޓީ ކައުންސިލުން ހިއްސާކުރިއިރު މި ސަރުކާރުގެ މިނިސްޓާ އޮފް ދިވެހި ލޭންގުއޭޖް, ކަލްޗާ އެންޑް ހެރިޓޭޖުގެ މަގާމުގައި ހުންނެވި އާދަމް ނަސީރު އިބްރާހިމްގެ ނަން ހިމެނިފައި ނުވެ އެވެ. ނަމަވެސް, ނޮވެމްބަރު 20, 2023 ގައި ސިޓީ ކައުންސިލުގެ ރަސްމީ އެކްސް އެކައުންޓުން ވަނީ "ބަހަވީ ހިދުމަތްތަކާ ބެހޭ ކޮންސަލްޓަންޓް" ގެ މަގާމުގައި ހުންނެވި އިރު އާދަމް ނަސީރު ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
ސިޓީ ކައުންސިލުން ދިން މައުލޫމާތު ޝީޓުގައި ޕަބްލިކް ރިލޭޝަންސް މަސައްކަތް ކުރުމަށް ނެގި ކޮންސަލްޓަންޓާއެކު އެގްރީމެންޓު ހެދި ކަމަށް އޮތީ ނޮވެމްބަރު, 2023 ގަ އެވެ. އަދި, އެގްރިމެންޓުގެ މުއްދަތު ހަމަވި ކަމަށް ވެސް އޮތީ އޮކްޓޯބަރު, 2023 ގަ އެވެ. އެހެންކަމުން, ޖުމުލަ އަަދަދު ހޯދުމަށް ހިސާބު ހަދާފައިވާނީ އެ ކޮންޓްރެކްޓްގެ މުއްދަތަކީ އެއް އަހަރު ދުވަސް ކަމަށް ބަލައިގެންނެވެ.
ސިޓީ ކައުންސިލުން އިނގިރޭސި ބަހުން ލިޔަން ޖެހޭ ލިޔުން ލިޔުމަށް
- ހަވާލުކުރި ފަރާތް: ކިންގްސް ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑް
- މަސައްކަތް: މައުލޫމާތު ފެތުރުމަށާއި, ސިޓީ ކައުންސިލް ބޭނުންތަކަށް އިނގިރޭސި ބަހުން ލިޔަން ޖެހޭ ލިޔުންތައް ލިޔަން (މަސައްކަތުގެ އިތުރު ތަފްސީލެއް ނެތް)
- ހަވާލުކުރި ތާރީހު: ޖެނުއަރީ 25, 2022
- މުއްދަތު ހަމަވާ ތާރީހު: ނޮވެމްބަރު 30, 2023
- މަހު ފީ: 25,500ރ. (ފަންސަވީސް ހާސް ފަސްސަތޭކަ ރުފިޔާ)
- ކޮންޓްރެކްޓުގެ އަގު: 561,000ރ. (ފަސް ލައްކަ ފަސްދޮޅަސް އެއް ހާސް ރުފިޔާ)
އެ ކުންފުނީގެ ވެބްސައިޓަށް ދިޔުމުން އެނގޭ ގޮތުގައި މި ކުންފުންޏަކީ ރައީސް މުއިއްޒުގެ ސަރުކާރުގައި މިނިސްޓަރެއްގެ ފެންވަރުގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަނުކުރައްވާފައިވާ މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ ކުންފުންޏެކެވެ. "އަދަދު" ނޫހުން އިކޮނޮމިކް މިނިސްޓްރީގެ ވިޔަފާރި ދަފްތަރުން ބެލިބެލުމުން އެނގޭ ގޮތުގައި މި ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިއްބެވީ މުންދު އާއި އިބްރާހިމް މުހައްމަދު އެވެ.

އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް މޮންދު އައްޔަނުކުރުމަށް ފަހު ފަތްކޮޅު ރައީސް ހަވާލުކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް
އޭނާގެ އިތުރުން މި ސަރުކާރުގެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމަނަތު ހުސައިން ޝަރީފަކީ ވެސް އެ ކުންފުނީގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވެބްސައިޓުގައި ބުނެފައިވެ އެވެ.
އެ ކުންފުނި އުފައްދާފައި ވަނީ މި މަސައްކަތް ހަވާލުކުރިތާ ތިން މަހާއި ނުވަ ދުވަސް ކުރިން އޮކްޓޯބަރު 17, 2021 ގަ އެވެ. މި ކޮންޓްރެކްޓު މިހާރު ހަމަވެފައިވާއިރު އަދިވެސް އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގެ ރަސްމީ ދަފްތަރުން މުންދު ފެނެ އެވެ.
އާބަން ކޮންސަލްޓަންޓުންގެ މަގާމުގައި ދެ ބޭފުޅުން
- ހަވާލުކުރި ފަރާތް: ޑރ. އަލީ ހައިދަރު އަހްމަދު އަދި މަރިޔަމް ޖުހައިނާ ސޯދިގު
- މަސައްކަތް: އާބަން ޕްލޭނިން ކޮންސަލްޓަންސީ ދިނުން (މަސައްކަތުގެ އިތުރު ތަފްސީލެއް ނެތް)
- ހަވާލުކުރި ތާރީހު: މެއި 15, 2022 އަދި އޮކްޓޯބަރު 20, 2021
- މުއްދަތު ހަމަވާ ތާރީހު: މެއި 14, 2023 އަދި އޮކްޓޯބަރު 19, 2023
- މަހު ފީ: 30,000ރ. (ތިރީސް ހާސް ރުފިޔާ) އަދި 35,000ރ. (ތިރީސް ފަސް ފާސް ރުފިޔާ)
- ކޮންޓްރެކްޓުގެ އަގު: 360,000ރ. (ތިން ލައްކަ ފަސްދޮޅަސް ހާސް ރުފިޔާ) އަދި 840,000ރ. (އަށް ލައްކަ ސާޅީސް ހާސް ރުފިޔާ)
ޑރ. ހައިދަރު ވަނީ ނޮވެމްބަރު 17, ގައި ރައީސް އެކުލަވާލެއްވި ކެބިނެޓުގެ މިނިސްޓްރީ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑެވެލޮޕްމަންޓުގެ މަގާމަށް ވަޑައިގަނެފަ އެވެ.
ޖުހައިނާއަކީ 2019 ގެ މަޖިލިސް އިންތިހާބުގައި މުލަކު ދާއިރާއަށް ވާދަކުރެއްވި ބޭފުޅެކެވެ. އޭގެ އިތުރުން ޕީޕީއެމްގެ ޑެޕިއުޓީ ރެޖިސްޓްރާގެ މަގާމު ވެސް ފުރުއްވި އެވެ.
އައިސީޓީ ކޮންސަލްޓަންސީ
- ހަވާލުކުރި ފަރާތް: ހުސައިން ޒީނީ
- މަސައްކަތް: އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮންސަލްޓަންސީ ދިނުން (މަސައްކަތުގެ އިތުރު ތަފްސީލެއް ނެތް)
- ހަވާލުކުރި ތާރީހު: އޮގަސްޓު 22, 2021
- މުއްދަތު ހަމަވާ ތާރީހު: ސެޕްޓެމްބަރު 20, 2023
- މަހު ފީ: 37,500ރ. (ތިރީސް ހަތް ހާސް ފަސްސަތޭކަ ރުފިޔާ)
- ކޮންޓްރެކްޓުގެ އަގު: 937,500ރ. (ނުވަ ލައްކަ ތިރީސް ހަތް ހާސް ފަސްސަތޭކަ ރުފިޔާ)
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ނޮވެމްބަރު 29, ގައި އޭނާއަށް ވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަނުކޮށްފަ އެވެ.
ބިމާބެހޭ ކަންކަމުގައި ކޮންސަލްޓަންސީ ދިނުން
- ހަވާލުކުރި ފަރާތް: އަބްދުالله އަބްދުލް ހަކީމް
- މަސައްކަތް: ވައިޓަލް އެންޑް ލޭންޑް ބިލްޑިން ސެކްޝަނަށް ބޭނުންވާ އުސޫލު އަދި ބިމާބެހޭ(މަސައްކަތުގެ އިތުރު ތަފްސީލެއް ނެތް)
- ހަވާލުކުރި ތާރީހު: މާޗު 1, 2023
- މުއްދަތު ހަމަވާ ތާރީހު: ފެބްރުއަރީ 28, 2025
- މަހު ފީ: 45,000ރ. (ސާޅީސް ފަސް ހާސް ރުފިޔާ)
- ކޮންޓްރެކްޓުގެ އަގު: 1,080,000ރ. (އެއް މިލިއަން އައްޑިހަ ހާސް ރުފިޔާ)
މެނޭޖުމަންޓް ކޮންސަލްޓަންސީ
- ހަވާލުކުރި ފަރާތް: ހަސަން ޒަރީރު
- މަސައްކަތް: (މަސައްކަތުގެ އިތުރު ތަފްސީލެއް ނެތް)
- ހަވާލުކުރި ތާރީހު: އޮގަސްޓު 22, 2021
- މުއްދަތު ހަމަވާ ތާރީހު: އޮގަސްޓު 21, 2024
- މަހު ފީ: 35,000ރ. (ތިރީސް ފަސް ހާސް ރުފިޔާ)
- ކޮންޓްރެކްޓުގެ އަގު: 1,260,000ރ. (އެއް މިލިއަން ދެ ލައްކަ ފަސްދޮޅަސް ހާސް ރުފިޔާ)
މި ސަރުކާރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ގެނައި ބަދަލުތަކުގެ ތެރެއިން ނޮވެމްބަރު 23, ގައި ރައީސް މުއިއްޒު ވަނީ އޭނާ އެ ބޯޑަށް އައްޔަނުކޮށްފަ އެވެ.
ފައިނޭންޝިއަލް ކޮންސަލްޓަންސީ
- ހަވާލުކުރި ފަރާތް: މުހައްމަދު ޝާހިދު
- މަސައްކަތް: (މަސައްކަތުގެ އިތުރު ތަފްސީލެއް ނެތް)
- ހަވާލުކުރި ތާރީހު: ސެޕްޓެމްބަރު 1, 2021
- މުއްދަތު ހަމަވާ ތާރީހު: އޮގަސްޓު 31, 2024
- މަހު ފީ: 30,000ރ. (ތިރީސް ހާސް ރުފިޔާ)
- ކޮންޓްރެކްޓުގެ އަގު: 1,080,000 (އެއް ލައްކަ އައްޑިހަ ހާސް ރުފިޔާ)
ސިޓީ ކައުންސިލުގެ ފޮޓޯ ނެގުން
- ހަވާލުކުރި ފަރާތް: އެލީޒް އަލީ މުހައްމަދު
- މަސައްކަތް: ސިޓީ ކައުންސިލުގެ އަތަމަނަ މަޖައްލާ އާއި އިވެންޓުތަކާއި ބައްދަލުވުންތަކުގެ ފޮޓޯ ނެގުމުގެ ހިދުމަތް ދިނުން (މަސައްކަތުގެ އިތުރު ތަފްސީލެއް ނެތް)
- ހަވާލުކުރި ތާރީހު: އޮގަސްޓު 1, 2022
- މުއްދަތު ހަމަވާ ތާރީހު: ޖުލައި 31, 2023
- މަހު ފީ: 25,000ރ. (ފަންސަވީސް ހާސް ރުފިޔާ)
- ކޮންޓްރެކްޓުގެ އަގު: 300,000ރ. (ތިން ލައްކަ ރުފިޔާ)
"އަދަދު" ނޫހަށް ޔަގީންކުރެވިފައިވާ ގޮތުގައި އަލީ މުހައްމަދު މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ފޮޓޯގްރާފަރެއްގެ މަގާމެވެ.
ރިޕޯޓު ތައްޔާރު ކުރުމާއި 'އެކި ލިޔުންތައް' ލިޔުމަށް
- ހަވާލުކުރި ފަރާތް: ޖީ ސެވެން ހޯލްޑިންސް
- މަސައްކަތް: ރިޕޯޓު ތައްޔާރު ކުރުމާއި, ލީފްލެޓް ތައްޔާރު ކުރުން އަދި އެކި ލިޔުންތައް ލިޔެދިނުން (މަސައްކަތުގެ އިތުރު ތަފްސީލެއް ނެތް)
- ހަވާލުކުރި ތާރީހު: ފެބްރުއަރީ 1, 2022
- މުއްދަތު ހަމަވާ ތާރީހު: ޖެނުއަރީ 31, 2025
- މަހު ފީ: 18,000ރ. (އަށާރަ ހާސް ރުފިޔާ)
- ކޮންޓްރެކްޓުގެ އަގު: 648,000ރ. (ހަ ލައްކަ ސާޅީސް އަށް ހާސް ރުފިޔާ)
އިކޮނޮމިކް މިނިސްޓްރީގެ ވިޔަފާރި ދަފްތަރުން އެނގޭ ގޮތުގައި މި ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ޒުލައިހާ އިބްރާހިމް (އައްޔަނުކުރީ: އެޕްރީލް 29, 2019) އާއި އަލީ ނަސީރު (އައްޔަނުކުރީ: ނޮވެމްބަރު 19, 2023) ގަ އެވެ.
"އަދަދު" ނޫހުން އިތުރަށް ހޯދި ހޯދުންތަކުން ޒުލައިހާގެ ލިންކްޑްއިން ޕްރޮފައިލުން އެނގުނު ގޮތުގައި އޭނާއަކީ އެޕްރީލް 2017, އިން ފެށިގެން އެޓާނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ސްޓޭޓް އެޓާނީއެކެވެ.
މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް މަސައްކަތް ރާވައި ހިންގައިދިނުން
- ހަވާލުކުރި ފަރާތް: އަހްމަދު ފަޒާލް ހުސައިން
- މަސައްކަތް: މާލެ ސިޓީ ކައުންސިލުގެ މީޑިއާ އަދި ޕަބްލިކް ރިލޭޝަން މަސައްކަތް ރާވައި ހިންގައިދިނުން. (މަސައްކަތުގެ އިތުރު ތަފްސީލެއް ނެތް)
- ހަވާލުކުރި ތާރީހު: ނޮވެމްބަރު 1, 2023
- މުއްދަތު ހަމަވާ ތާރީހު: އޮކްޓޯބަރު 31, 2023
- މަހު ފީ: 35,000ރ. (ތިރީސް ފަސް ހާސް ރުފިޔާ)
- ކޮންޓްރެކްޓުގެ އަގު: 420,000ރ. (ހަތަރު ލައްކަ ވިހި ހާސް ރުފިޔާ)
ސިޓީ ކައުންސިލުން ހިއްސާކުރި މައުލޫމާތު ކަރުދާހުގައި ތާރީހުތައް ދިމާނުވާތީ ހިސާބު ހަދާފައިވާނީ އެ ކޮންޓްރެކްޓްގެ މުއްދަތަކީ އެއް އަހަރު ދުވަސް ކަމަށް ބަލައިގެންނެވެ.
ފަޒާލްއަކީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު އެ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓުކަން ވެސް ފުރުއްވި ބޭފުޅެކެވެ.
އެޑްމިނިސްޓްރޭޓިވް ކޮންސަލްޓަންސީ
- ހަވާލުކުރި ފަރާތް: އާމިނަތު ނާސިހާ
- މަސައްކަތް: (މަސައްކަތުގެ އިތުރު ތަފްސީލެއް ނެތް)
- ހަވާލުކުރި ތާރީހު: އޮކްޓޯބަރު 10, 2021
- މުއްދަތު ހަމަވާ ތާރީހު: އޮކްޓޯބަރު 9, 2024
- މަހު ފީ: 19,500ރ. (ނަވާރަ ހާސް ފަސްސަތޭކަ ރުފިޔާ)
- ކޮންޓްރެކްޓުގެ އަގު: 702,000 (ހަތް ލައްކަ ދެ ހާސް ރުފިޔާ)
ރޯޑް ޕްރޮޖެކްޓު ކޮންސަލްޓަންސީ
- ހަވާލުކުރި ފަރާތް: އަހްމަދު މަމްދޫހު
- މަސައްކަތް: (މަސައްކަތުގެ އިތުރު ތަފްސީލެއް ނެތް)
- ހަވާލުކުރި ތާރީހު: އޮކްޓޯބަރު 6, 2021
- މުއްދަތު ހަމަވާ ތާރީހު: އޮކްޓޯބަރު 5, 2024
- މަހު ފީ: 37,500ރ. (ތިރީސް ހަތް ހާސް ފަސްސަތޭކަ ރުފިޔާ)
- ކޮންޓްރެކްޓުގެ އަގު: 1,350,000ރ. (އެއް މިލިއަން ތިން ލައްކަ ފަންސާސް ހާސް ރުފިޔާ)
ސިވިލް އިންޖިނިއަރިން ކޮންސަލްޓަންސީ
- ހަވާލުކުރި ފަރާތް: މުހައްމަދު ދިލްޝާން އަބްދުالله
- މަސައްކަތް: (މަސައްކަތުގެ އިތުރު ތަފްސީލެއް ނެތް)
- ހަވާލުކުރި ތާރީހު: ޖުލައި 18, 2022
- މުއްދަތު ހަމަވާ ތާރީހު: ޖުލައި 17, 2023
- މަހު ފީ: 45,000ރ. (ސާޅީސް ފަސް ހާސް ރުފިޔާ)
- ކޮންޓްރެކްޓުގެ އަގު: 540,000ރ. (ފަސް ލައްކަ ސާޅީސް ހާސް ރުފިޔާ)
މި ސަރުކާރުގެ މިނިސްޓްރީ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑެވެލޮޕްމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ނޮވެމްބަރު 21, ގައި އޭނާ ވަނީ އައްޔަނުކޮށްފަ އެވެ.












