ރައްޔިތުންގެ މަޖިލީސް މެމްބަރެއްގެ ޖުމްލަ މުސާރަ އެއް ލައްކަ ރުފިޔާ އަށް ބޮޑުކުރަން ފާސްކުރުމުން އާންމު ރައްޔިތުން ނުރުހުން ފާޅުކުރަން ފަށައިފި އެވެ.
އިއްޔެ ކުރިއަށްދިޔަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްތިފާގުން ވަނީ މަޖިލިސް މެމްބަރުންގެ މުސާރަ 80،000ރ. އަށް ބޮޑުކުރަން ފާސްކޮށްފަ އެވެ. އެ ބަދަލާއެކު މެމްބަރުންނަށް ކުރިއެކޭ އެއްގޮތަށް ކޮމިޓީ އެލަވަންސް ވެސް ލިބޭނެ އެވެ. އެހެން ކަމުން ކޮމިޓީ އެލަވަންސަށް ދޭ 20،000ރ. ހިމަނައިގެން މެމްބަރެއްގެ މުސާރައިގެ ގޮތުގައި 100،000ރ. ޖެހެ އެވެ.
މަޖިލިސް މެމްބަރެއްގެ މިހާރު މެމްބަރުންގެ މުސާރަ އަކީ 62،500ރ. އެވެ. ކޮމިޓީ އެލަވަންސާ އެކު ޖުމްލަ 82،500ރ އެވެ. މި މުސާރައާ ދޭތެރޭ އާއްމުން ކުރިން ވެސް ހިތްހަމަނުޖެހެ އެވެ.
މެމްބަރުންގެ މުސާރަ ލައްކައަކަށް ބޮޑުކުރަން ކޮމިޓީން މިއަދު ފާސްކުރުމާއެކު ސޯޝަލް މީޑިއާގައި އަނެއްކާ ވެސް އާންމުންގެ ނުރުހުމުގެ ބަސްތައް ވަނީ އޮހެން ފަށާފަ އެވެ. އެވަރު އަދިވެސް މަދު ކަމަށް ބުނެ އެއްބަޔަކު ދަނީ ހަޖޫ ޖަހަމުންނެވެ.
މެމްބަރުންގެ މުސާރަ ބޮޑުކުރުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގައުމު ބަގުރޫޓުވުމަކާ ދިމާލަށް ދަތުރުކުރަމުން ދާއިރު މަތީފަޑީގެ މުސާރަތަށް ބޮޑުކުރަން އެންމެ އައުލާކަން ބޮޑު ދުވަސްކޮޅުތޯ ބަލާލުން ބުއްދިވެރި ކަމަށެވެ.

"ތައުލީމީ ފެންވަރަކީ ލިޔަންކިޔަން ދަތުން. އެހެން ވީމާ މުސާރަ އަދި ތަންކޮޅެއް ބޮޑުކޮށްލަން ފެނޭ،" އެކަކު ލިޔަފައިވެ އެވެ.
އެކަކު ސޯޝަލް މީޑިއާގައި ލިޔެފައި ވަނީ މެމްބަރުންގެ މުސާރަ ކުރަންޖެހޭނީ ކުޑަ ކަމަށެވެ. އެއާއެކު މެމްބަރުންގެ ތައުލީމީ ފެންވަރު ވެސް ބަޔާން ކުރަންޖެހޭ ކަމަށް އޭނާ ލިޔެފައިވެ އެވެ.
"މެމްބަރުންގެ މުސާރަ މިހާރު ވެސް އިންތިހާއަށް ބޮޑު. އެ މުސާރަކުޑަކުރަން ޖެހޭ ކަމަށް ދެކެމެވެ. އަަނެއްކާ މުސާރަ ބޮޑުކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. ކުރަންވީ ކަމަކީ މެންބަރުކަމުގެ ޝަރުތުތަކުގެ ތެރޭގައި ތައުލީމާ ތަޖުރިބާ ހިމެނުމަށް ގާނޫނު އަސާސީ އިސްލާހު ކުރުން،" އޭނާ ބުނެފައިވެ އެވެ.
އެހެން މީހަކު ބުނެފައި އޮތީ މެމްބަރުންގެ މުސާރަ ބޮޑު ކުރަން ނިންމީ އާންމު ރައްޔިތުން އުޅޭ ދަތިހާލަތާމެދު ނުވިސްނާ ކަމަށެވެ.
"މެމްބަރުންނަށް އެނގިލައްވާތޯ ރަށްރަށުގެ އާންމު ރައްޔިތުން ތިބީ ހާދަނިކަމެތި ހާލުގައޭ. ތަކެތީގެ އަގު އުފުލެނީ، ދުވާލު އެކީ މަސައްކަތްކޮށްގެން ކިރިޔާ އަނބިދަރީންގެ ހަރަދު ޗަލަނީ،" އޭނާ ބުނެފައިވެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވަން ނިންމާފައިވާ އަހުމަދު ފާރިސް މައުމޫން ވިދާޅުވެފައި އޮތީ މެމްބަރުންގެ މުސާރައަކީ މެމްބަރުން އަމިއްލައަށް ކަނޑަނޭޅޭނެ އެއްޗަކަށް ހަދަންޖެހޭ ކަމަށެވެ.
"ރާއްޖޭގެ އާބާދީގެ ނިސްބަތުން, މަޖިލީހުގެ މެމްބަރުންގެ އަދަދު މިހާރަށްވުރެ މަދުކުރަން ޖެހޭ. މަޖިލީސް މެމްބަރުންގެ މުސާރަ ކުރަން ޖެހެނީ ކުޑަ! މެމްބަރުންގެ މުސާރަ އަކީ މަޖިލީހުން ކަނޑައަޅާ އެއްޗަކަށް ނުވާނެ ގޮތް ހަމަޖައްސަންޖެހޭ،" އޭނާ ވިދާޅުވެފައިވެ އެވެ.
މަޖިލިސް މެމްބަރުންގެ އިތުރުން ރައީސް އާއި ނައިބު ރައީސް އަދި ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި ގާޒީންނާއި މެޖިސްޓްރޭޓުންނާއި ސަރުކާރު އިދާރާތަކުގެ ޑިރެކްޓަރުންނާއި ބޯޑު މެމްބަރުންނާއި ސިޓީ ކައުންސިލު މެމްބަރުންގެ އިތުރުން ރަށު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
މުސާރަތައް ބޮޑުކުރަން ކޮމިޓީން ފާސްކުރި ނަމަވެސް މިކަމުގެ ފަހުގެ ނިންމުން ނިންމާނީ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށްފަހު މަޖިލީހުގެ ތަޅުމުންނެވެ.












