ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
މަޖިލީހުގެ މެމްބަރެއްގެ މުސާރައަކީ މިހާރު 62،500ރ. އެވެ. އަދި ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ވަޑައިގަންނަވާ މެމްބަރުންނަށް 20،000ރ. ގެ އިނާޔަތެއް ލިބިވަޑައިގަންނަވަ އެވެ.
މިއަދު ކުރިއަށްދިޔަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްތިފާގުން ވަނީ މެމްބަރުންގެ މުސާރަ 80،000ރ. އަށް ބޮޑުކުރަން ފާސްކޮށްފަ އެވެ. މި ބަދަލާއެކު މެމްބަރުންނަށް ކުރިއެކޭ އެއްގޮތަށް ކޮމިޓީ އެލަވަންސް ވެސް ލިބޭނެ އެވެ. އެހެން ކަމުން ކޮމިޓީ އެލަވަންސަށް ދޭ 20،000ރ. ހިމަނައިގެން މެމްބަރެއްގެ މުސާރައިގެ ގޮތުގައި އެއް ލައްކަ ރުފިޔާ ޖެހެ އެވެ.
މަޖިލިސް މެމްބަރުންގެ އިތުރުން ރައީސާއި ނައިބު ރައީސް އަދި ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި ގާޒީންނާއި މެޖިސްޓްރޭޓުންނާއި ސަރުކާރު އިދާރާތަކުގެ ޑިރެކްޓަރުންނާއި ބޯޑު މެމްބަރުންނާއި ސިޓީ ކައުންސިލު މެމްބަރުންގެ އިތުރުން ރަށު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
ކޮމިޓީން މުސާރަ ބޮޑުކުރަން ފާސްކުރި ގޮތް
- ރައީސުލްޖުމްހޫރިއްޔާ 120،000ރ.
- ރައީސުލްޖުމްހޫރިއްޔާގެ ނައިބު - 93،000ރ.
- ވަޒީރުން - 72،000ރ.
- ރައްޔިތުންގެ މަޖިލިސް މެންބަރުން - 80،000ރ.
- މަޖިލީހުގެ ރައީސް - 90،000ރ.
- މަޖިލީހުގެ ނައިބު ރައީސް - 88،000ރ.
- އުއްތަމަ ފަނޑިޔާރު - 91،000ރ.
- ގަވަރުނަރު - 74،000ރ.
- އޮޑިޓާ ޖެނެރަލް - 74،000ރ.
- ޕްރޮސެކިއުޓާ ޖެނެރަލް - 74،000ރ.
- މޭޔަރު - 46،000ރ.
- ޑެޕިއުޓީ މޭޔަރު- 40،500ރ.
- ސިޓީ ކައުންސިލް މެންބަރުން 35،000ރ.
- އަތޮޅު ކައުންސިލް ރައީސް 33،000ރ.
- ރަށު ކައުންސިލް ރައީސް 25،500ރ.
- ރަށު ކައުންސިލް ނައިބުން 20،000ރ.
- ރަށު ކައުންސިލަރުން 18،000ރ.
މާލިއްޔަތު ކޮމިޓީން މިއަދު މުސާރަތައް ބޮޑުކުރަން ފާސްކުރި ނަމަވެސް މިކަމާ މެދު ފަހުގެ ނިންމުން ނިންމާނީ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހު މަޖިލީހުގެ ތަޅުމުންނެވެ.













