މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި އެ ބިލު މަޖިލީހުން ފާސް ކުރީ 67 މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ބިލު އިޖުތިމާއީ ކޮމެޓީން ފާސްކުރި އިރު 13 އިސްލާހެއް ހުށަހެޅުމަށް ކޮމެޓީން ފާސްކޮށްފައިވެ އެވެ. ކޮމެޓީއިން ބިލަށް އިސްލާހުތައް ހުށަހެޅީ ދާއިރާއާ ގުޅޭ ބައެއް އިދާރާތަކާ މަޝްވަރާ ކުރުމަށްފަހެވެ.
އޭގެ ތެރޭގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ލޭބަރ ރިލޭޝަންސް އޮތޯރިޓީ، މިނިސްޓްރީ އޮފް ހެލްތު އަދި ވޯކް ސޭފް މޯލްޑިވްސް ހިމެނެ އެވެ.
ބިލުގައި 10 ބާބު އަދި 76 މާއްދާ ހިމެނެ އެވެ. މީގެ ތެރޭގައި، މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ މީހުންނަށް ސިއްހީ ގޮތުން ރައްކާތެރި މާހައުލެއް ކަށަވަރުކޮށް ދިނުމުގެ އުސޫލުތަކާއި، މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ސިއްހީ ނުރައްކާތަކާއި ގެއްލުންތަކުން މަސައްކަތްތެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.

އޭގެ އިތުރުން، މަސައްކަތްތެރިންގެ ސިއްހަތާއި ސަލާމަތާއި ގުޅޭގޮތުން ނިންމާ ނިންމުންތަކާއި ދިމާވާ މައްސަލަތައް ހައްލު ކުރުމުގައި ބަސް ބުނުމުގެ ފުރުސަތު ހޯދައި ދިނުމުގެ އިތުރުން، މަސައްކަތުގެ މާހައުލުގައި ދިމާވާ އެކްސިޑެންޓުތަކާއި ހާދިސާތަކުގެ ސަބަބުން ލިބޭ އަނިޔާތަކާއި ގެއްލުންތައް ރިޕޯޓުކޮށް، މައްސަލަ ބެލޭނެ ނިޒާމެއް ގާއިމްކޮށް، ބަދަލު ދެވޭނެ ނިޒާމެއް ކަނޑައެޅުން ހިމެނެ އެވެ.













