އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށް، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ ފަށައިފި އެވެ.
މަޖިލީހުގެ ތިން ވަނަ ދައުރު ނިމޭ ތާރީހަކީ ނޮވެމްބަރު 27 އެވެ. ނަމަވެސް، އޭރު ވެސް މަސައްކަތްތައް ހުރުމުން، ޑިސެމްބަރު 7، އަށް މުއްދަތު އިތުރު ކުރި އެވެ. އަދި އެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރީ ޑިސެމްބަރު 18, އާ ހަމައަށް (މިއަދާ) ހަމަ އަށެވެ. އެހެންކަމުން މަޖިލީހުގެ މި ދައުރުގައި އިތުރު މަސައްކަތެއް ކުރަން އެދޭ ނަމަ އަނެއްކާ ވެސް ޖެހޭނީ ދައުރު ދިގު ދަންމަން ތަޅުމުން ފާސްކުރާށެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މުހިންމު އެހެން މަސައްކަތްތަކަކީ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލުގެ ފަހު މަރުހަލާއާއި އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައެޅުމާ ބެހޭ ގޮތުން ހުށަހަޅާފަިއވާ ގަރާރެެއްގެ މަސައްކަތާއި މަޖިލީހުގެ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ މަސައްކަތެވެ.
މަޖިލީހުގެ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ ރައީސުލް ޖުމްހޫރިއްޔާއާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބު މަގާމުން ދުރުކުރުމުގެ އިޖުރާއަތްތައް ކުރިއަށް ވުރެ ފަސޭހަކުރާ ގޮތަށް ހުށަހަޅާފައިވާ އިސްލާހުތަކެކެވެ.
ރައީސް އާއި ނައިބު ރައީސް އަޒުލުކުރުމުގެ ގަރާރެއް ހުށަހަޅައިފި ނަމަ މަޖިލީހުގެ ރައީސްގެ މޭޒުކޮޅުގައި މައްސަލަ ހުއްޓުވާފައި ބޭއްވިޔަ ނުދިނުމަށްޓަކައި ހަމަތަކާއި ތަރުތީބުތަކެއް މަޖިލީހުގެ ގަވާއިދަށް ގެންނަން އާންމު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. މި އިސްލާހު ފާސްވެއްޖެ ނަމަ މި ބަދަލުތަކާއެކު ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްހުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުން ކުރިއަށް ވުރެ ފަސޭހަވާނެ އެވެ.














