ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދާއި ހިލާފަށް ބަންގްލަދޭޝް އިން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން އަލުން ގެނެވޭ ގޮތަށް މިއަދު ސަރުކާރުން ނިންމި ނިންމުމާ އެކު، ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ އަދަދުތައް އެނގެން ހުރި އިކޮނޮމިކް މިނިސްޓްރީގެ އެންމެފަހުގެ ރިޕޯޓުތައް އެ މިނިސްޓްރީގެ ސޯޝަލް ޕްލެޓްފޯމުތަކުން ފޮހެލައިފި އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ ބަންގަލަދޭޝް އިން ރާއްޖެއަށް ލޭބަރުން ގެނައުން ސަރުކާރުން މަނާކޮށްފައި އޮންނަތާ ގާތްގަނޑަކަށް ހަތަރު އަހަރުވެއްޖެ އެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ތިބީ އެ ގައުމުގެ ލޭބަރުންނެވެ.
އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލާފައިވާއިރު މިއަދުން ފެށިގެން ހަމައެކަނި ގެނެވޭނީ ބަންގްލަދޭޝްގެ އަންސްކިލްޑް ލޭބަރުންނެވެ.
ވަޒީފާއާބެހޭ ގާނޫނުގައި 65 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ގޮތުން އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ގެނެވޭނީ 100,000 މީހުންނެވެ. އިކޮނޮމިކް މިނިސްޓްރީން އެންމެފަހުން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި 139,220 ބަންގްލަދޭޝް މީހުން މަސައްކަތްކުރެ އެވެ.
އެ އަދަދު އެނގެން އޮތް ރިޕޯޓު އެ މިނިސްޓްރީގެ ވެބްސައިޓުން މިހާރު ވަނީ ނަގާފަ އެވެ. އަދި, އެ ރިޕޯޓު އާންމުކުރުމަށް ފަހު ނޮވެމްބަރު 17, 2023 ގެ 18:11 ގައި އެ މިނިސްޓްރީގެ އެކްސްގައި ކުރި ޕޯސްޓު ވެސް ވަނީ ޑިލީޓްކޮށްފަ އެވެ.


އިކޮނޮމިކް މިނިސްޓްރީން ޑިލީޓުކުރި ޓްވީޓް. މި ރިޕޯޓުގައި ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ހާލަތު އޮތްގޮތް ވަރަށް ތަފްސީލުކޮށް ވަނީ ބަޔާންކޮށްފައި
ރިޕޯޓުތައް މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީން ޑިލީޓު ކުރިއިރު އެފަދަ ކަމެއް ކޮށްފާނެ ކަމަށް ވިދާޅުވެ ރިޕޯޓުތައް ސޭވްކުރަން އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ޓްވީޓް ވެސް ކުރެއްވި އެވެ.
އެކަމާ ގުޅޭގޮތުން ސަރުކާރުގެ ބަހެއް ނެތެވެ. އެކަން ކުރީ ކޮން ނިޔަތެއްގައި ކަން އަދި ކޮންކަމަކާ ގުޅިގެން ކަން ވެސް ސަރުކާރަކުން ނުބުނެ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނަށް ވެސް އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަން ސާފުކޮށްދިނުމުން ވެސް އެކަމަށް ޖަވާބެއް ނުދެއްވަ އެވެ.
ބަންގްލަދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ 2019 ވަނަ އަހަރު އެވެ. އެއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވައިލެއްވި ޓާސްކުފޯހުގެ ނިންމުމެކެވެ. އެއާއެކު ލިޔެކިޔުން ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތަން ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ވެސް ސަރުކާރުން ކުރިއަށްގެންދިޔަ އެވެ.
އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ 63،000 ބިދޭސީން އުޅެ އެވެ. ނަމަވެސް, ނުރަސްމީ އަންދާޒާތަކުން މި އަދަދު އެއް ލައްކައާ ގާތްކުރާ ކަމަށްވެ އެވެ.
މިގޮތަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތަން އިކޮނޮމިކް މިނިސްޓްރީގެ ދަށުން ކުރިއަށްގެންދިޔަ އެ ޕްރޮގްރާމަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން މިހާތަނަށް ސަރުކާރަކުން ކުރި އެންމެ ބޮޑު މަސައްކަތެވެ.











