ސްޓެލްކޯގެ ބައެއް އިންޖީނުތައް ބެހެއްޓުމަށްޓަކައި މީގެ 13 އަހަރު ކުރިން ބަންދުކުރި ދޮންއަދަރާދަ ހިނގުން ރޯދަ އަށް ހުޅުވުމަށް ނިންމައިފި އެވެ.
ސްޓެލްކޯގެ ހުޅަނގަށް އެ މަގު 2010 ގައި ބަންދުކުރީ އޭރު މާލޭގެ ކަރަންޓުގެ ޑިމާންޑު މަތިވެ، އިތުރު އިންޖީނުތަކެއް ބެހެއްޓުމަށެވެ. ނަމަވެސް ހުޅުމާލޭގައި ހެދި ސްޓެލްކޯގެ އިންޖީނުގެ ހުޅުވުމާއެކު، ދޮންއަދަރާދަ ހިނގުމުގެ ބައެއް ބަންދުކޮށް ބެހެއްޓި ޖެނަރޭޓަރު ސެޓުތައް ބޭނުން ކުރުން ހުއްޓައިލި އެވެ.
ދޮންއަދަރާދަމަގު ހުޅުވުމުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ އެ މަގު ހުޅުވުމާ އެކު މާލޭގެ ޓްރެފިކް ފްލޯއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަސައްކަތް ނިމި ރަމަޟާން މަސް އަންނަން ވާއިރަށް މަގު ހުޅުވާލެވޭނެ. އަދި ހަމަ އެއާއެކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަބަދުވެސް ސްޓެލްކޯ ދެމި އޮންނާނީ ރައްޔިތުންގެ ހިދުމަތުގަ އޭ. އަޅުގަނޑުމެންނަކީ ރައްޔިތުންނަށްޓަކައި އުފައްދާފައިވާ ކުންފުންޏެކޭ." ފަހުމީ ވިދާޅުވި އެވެ.
ދޮންއަދަރާދަ މަގު ހުޅުވުމުގެ މަސައްކަތްތައް ކުރަމުންދާނީ ސްޓެލްކޯގެ މުވައްޒަފުންނެވެ. އޭގެ ތެރޭގައި މާލެއާއި، އަތޮޅުތަކުގެ އިންޖީނުގެތަކުގެ މުވައްޒަފުންވެސް ހިމެނެ އެވެ.













