ރާއްޖެއިން ނައްތައިލާފައިވާ ފައިލޭރިއާ ބަލީގެ ކޭސްތަކެއް ކުޅުދުއްފުށިން ފެނިއްޖެ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ފައިލޭރިއާގެ ކޭސްތައް ފެނުނީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މައިގްރެންޓް ހެލްތް ކޭމްޕުގެ ތެރެއިން ކަމަށެވެ.
މިމަހުގެ އެކަކުން ދެއަކަށް ކުރިއަށް ގެންދިޔަ އެ ކޭމްޕްގައި ބިދޭސީން ސްކްރީނިންމ ޕްރޮގްރާމެއް ކުރިއަށްގެންދިޔަ ކަމަށާއި އެ ސްކްރީނިން ތަކުން ފައިލޭރިއާ އަށް ޕޮޒިޓިވް 16 ބިދޭސީއަކު ފެނިފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
"ސްކްރީނިން ޕްރޮގްރާމު ތެރެއިން ފާހަގަވީ ފައިލޭރިއާ ކޭސްތަކެއް އުޅޭކަން. ސްކްރީނިން ސްޓޭޖުގަ ޕޮޒިޓިވް ވެފަ މީނީ 16 ކޭސް،" އޮފިޝަލު ވިދާޅުވި އެވެ.
އެހެން ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަހުން ނެރުނު ބަޔާނެއްގައިވާ ގޮތުން ފައިލޭރިއާގެ 17 ކޭސް ކުޅުދުއްފުށިން ފެނުނެވެ.

އޮފިޝަލު ވިދާޅުވީ ސްކްރީނިން ސްޓޭޖުގައި ޕޮޒިޓިވް މީހުންގެ ބަލި ހުރިކަން ޔަގީން ކުރުމަށްޓަކައި އިތުރު ކޮންފަމޭޓަރީ ޓެސްޓުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެ ޓެސްޓުތައް މިރޭ ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފައިލޭރިއާ އަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. 2016 ވަނަ އަހަރު ރާއްޖެއިން އެ ބަލި ނައްތާލެވިފައިވާ ކަމުގެ ސެޓްފިކެޓްވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ދީފަ އެވެ. އެއީ އާބާދީގެ އެކެއް އިންސައްތައަށްވުރެ ކުޑަކޮށް ފައިލޭރިއާ ހުރި ގައުމުތަކަށް ނުވަތަ ފައިލޭރިއާއަކީ ރާއްޖޭގެ އާންމު ސިއްހަތަށް ހުރި މައްސަލައެއް ނޫންކަން އަންގައިދޭ ލިޔުމެވެ.
ރާއްޖޭން އެންމެ ފަހުން ފައިލޭރިއާ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ 2004 ވަނަ އަހަރު ލ. ފޮނަދޫއިންނެވެ. އެ ކޭސްއާއި ގުޅިގެން އެ ރަށުގެ ރައްޔިތުންނަށް ފަސް އަހަރު ވަންދެން ބޭސް ދެވުނުވެ. އޭގެ ފަހުން 2008 ވަނަ އަހަރުން ފެށިގެން ކުރި ސާވޭގައި ފައިލޭރިއާ ޖެހިފައިވާ މީހަކު ފެނިފައިނުވެ އެވެ.
ފައިލޭރިއާ ބައްޔަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ، ގައިންގަޔަށް އަރާ ބައްޔެކެވެ.












