ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް އިތުރު ކުއްޖަކު މިއަދު ފުރައިފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއަދު އެއްކުއްޖަކު ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، އަންނަ ހަފްތާގެ ތެރޭގައި އިތުރު ހަތަރު ކުއްޖަކު ބޯންމެރޯ ހެދުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސަރުކާރުން ވަނީ ތެލެސީމިއާ ކުދިންނަށް ފަރުވާދިނުމަށް ހާއްސަކޮށް ހޮސްޕިޓަލެއް ގާއިމުކުރުމަށްޓަކައި، އެ ހޮސްޕިޓަލްގެ ޑިޒައިން އާއި އެހެނިހެން އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކާއި ގުޅޭ މަޝްވަރާތަކެއް ފަށާފަ އެވެ.
މި ހޮސްޕިޓަލް އަޅަން 25 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށާއި އަދި ހޮސްޕިޓަލް ގާއިމުކުރާނީ މާލެ ސަރަހައްދުގައި ކަމަށް މީގެ ކުރިން ރައީސް އޮފީހުން ބުނެފައިވެ އެވެ. ބޯންމެރޯ ހެދުމަށް 40 ކުދިން ތިބި ކަމަށާއި ސިއްހީ ގޮތުން އެ ފަރުވާއަށް 35 ކުދިން ކޮލިފައިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ތެލަސީމިއާ ފަރުވާ ދިނުމުގައި އެންމެ ބޮޑު ކާމިޔާބީ އަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުން ކަމަށްވާއިރު, އެ ފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ކުއްޖާ ބަލަހައްޓަން ޖެހެ އެވެ.

އެގޮތުން ހޮސްޕިޓަލުން ދޭ އިރުޝާދުތަކަށް އެއްބާރުލުންދީ, ބޯންމެރޯ ޓްރާންސްޕްލާންޓްކޮށް, ރާއްޖެ އައުމަށްފަހު ވެސް ގަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އިން އިލްތިމާސް ކުރެ އެވެ. ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުން ދެ އެވެ.













