ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ފުރުސަތު އޮތް ނަމަވެސް، އެ މާހައުލުގައި ކުރިއެރުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަދި ޔޫއެންޑީޕީން އިންތިޒާމުކޮށްގެން މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ "ވިމެން އިން ލޯކަލް ގަވަނެންސް ފޯރަމް، ރަންހިރު ދަރުބާރު" ގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވަމުން ސާޖިދާ ވިދާޅުވީ، ދައުލަތެއް ކުރިއެރުވުމަށްޓަކައި އަންހެނުން ބާރުވެރި ކުރުވުން މުހިންމު ކަމަށެވެ.
އެގޮތުން ރާއްޖޭގެ ސިޔާސީ މައިދާނުގެ އިތުރުން ސިވިލް ސާވިސްގެ އިސް މަގާމުތަކުން އަންހެނުން ނުފެނުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ. އަދި އަންހެނުން ބާރުވެރިކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން އެކަމުން ވެސް ހާމަވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
"މަތީ މަގާމުތަކުގަ ހާއްސަކޮށް ސިޔާސީ މަގާމުތަކުން އަންހެނުން ނުފެންނަ ނުފެންނުމަކީ އަދި އަޅުގަނޑުމެންނަށް އަންހެނުން ބާރުވެރިކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއް ހުރިހަކަން އެބަ ފާހަގަކުރެވޭ،" ސާޖިދާ ވިދާޅުވި އެވެ.
ރަންރިހު ދަރުބާރު ފަދަ ހަރަކާތްތަށް އިތުރުކޮށް އަންހެނުން ބާރުވެރިކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަންޖެހޭކަން ފާހަގަކުރައްވަމުން ސާޖިދާ ވިދާޅުވީ، ގާނޫނު އަސާސީގައި އަންހެނުން އަދި ފިރިހެނުންނަށް ވެސް ހަމަހަމަ ޖާގަތަކެއް ލިއްބައިދީފައިވާ ކަމަށެވެ.

އަންހެނުންނަށް ފުރުސަތުތައް ހުރި ނަމަވެސް، މަސައްކަތުގައި ކުރިއެރިއެރުމުގައި އެކި ކަހަލަ ގޮންޖެހުންތަކާ އަންހެނުން ކުރިމަތިލާޏްޖެހޭ ކަމަށް ސާޖިދާ ވިދާޅުވި އެވެ. އެގޮތުން އަންހެނުން އަދާކުރަންޖެހޭ ޒިންމާތައް އިތުރުވުމާއެކު، މަސައްކަތު މާހަލުގެ ތެރެއިން ކުރިމަތިވާ ގޮންޖެހުންތައް ދަނެގަންނަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ ވަކި ހިސާބަކުން އަންހެނުން މަސައްކަތާ ދުރުވެގެންދާ ތަން. ހަގީގަތުގަ ފުރުސަތު ލިބިފައި އޮންނަނީ ލިޔެކިޔުމުގަ. އެހެންނަމަވެސް އެ ފުރުސަތުގަ އަޅުގަނޑުމެންގެ ރޯލު ތަފާތުވުމާއެކު ކުރިއަށްދިއުމަށް ގޮންޖެހުންތަކެއް އެބަހުރި،" ސާޖިދާ ފާހަގަކުރެއްވި އެވެ.
ފަސްޓް ލޭޑީ އިތުރަށް ވިދާޅުވީ ރަންރިހު ދަރުބާރު ނިމިގެންދާއިރު އެ ދާއިރާގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރެވި، އެ ކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.












