ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ސައްހަ އަދަދު ސަރުކާރަށް އޮޅުންބޮޅުން ވެފައިވާ ކަމަށް ބުނާއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ޖުމުލަ އަދަދު އަދަދު ނޫހުން މަސައްކަތްކޮށް، އިއްޔެ ވަނީ ހާމަކޮށްފަ އެވެ.
އިންޑިއާ ސިފައިން ރާއްޖޭ ބޭރުކުރާނެ ކަމަށް ތަކުރާރުކޮށް ވައުދުވި މި ސަރުކާރުން ފުރަތަމަ ބުނީ ރާއްޖޭގައި ތިބީ 77 އިންޑިއާ ސިފައިން ކަމަށެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ކެމްޕޭނު ތެރޭގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ވެސް ބުނަމުން ދިޔައީ އިންޑިއާ ސިފައިން ރާއްޖޭގައި ހާހުން ތިބި ކަމަށެވެ.
މި ސަރުކާރުން ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ އިންޑިއާއިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ އޮޕަރޭޓު ކުރުމަށް ތިބީ ޖުމްލަ 77 ސިފައިން ކަމަށެވެ. ނަމަވެސް އޭގެ ފަހުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ޖުމުލަ އަދަދު އަދި މުޅީން ކަށަވަރު ނުވާ ކަމަށެވެ.
"ލިޔުންތަކުން އެކި ފަހަރު އެކި އަދަދު ހުރީ އައިސްފައި, 77 އިން 89 އަށް އެބަދޭ, އެވެސް ސާފެއް ނޫން. އަދިވެސް ހުރިހާ މައުލޫމާތެއް ސާފެއް ނޫން. އެއަށްވުރެ އިތުރު ވެސް ވެދާނެ," މިދިޔަ ހަފުތާގައި ރާއީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެހެންވެ، މިއަދަދު ހޯދަން އަދަދު ނޫހުން ކުރި މަސައްކަތުގައި، އިންޑިއާ ސަރުކާރުގެ ސީނިއާ އޮފިޝަލަކު ކަށަވަރުކޮށްދިން ގޮތުގައި، ރާއްޖޭގައި ތިބީ ޖުމުލަ 86 އިންޑިއާ ސިފައިންނެވެ. އެއީ ހެލިކޮޕްޓަރުތަކާއި މަތިންދާ ބޯޑު ދުއްވަން މި ވަގުތު ތިބި 77 ސިފައިންގެ އިތުރުން ސެނެހިޔާ ހޮސްޕިޓަލްގައި ތިބި ނުވަ ޑޮކްޓަރުންނެވެ.
އެއީ ފަސް ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ހަތަރު ޕެރަމެޑިކުންނެވެ.
މުހިންމު ބައެއް ހަބަރު











