ރާއްޖޭގައި ޒަކާތާ ގުޅޭ އެންމެހާ ކަންތައްްތައް ކުރިއަށް ގެންދަން "ޒަކާތު ހައުސް"ގެ ނަމުގައި ވަކި އިދާރާއެއް އުފައްދަން ސަރުކާރުން މިއަދު ނިންމައިފި އެވެ.
ޒަކާތުގެ ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދަން ނިންމީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ. މިއަދުގެ ކެބިނެޓް މީޓިންގައި ނިންމި ނިންމުންތަކުގެ މައުލޫމާތު ދޭން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ ވަކި އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް އުފެއްދުމުގެ އެއް ބޭނުމަކީ ޒަކާތުގެ ގޮތުގައި އެކި މީހުން ދައްކާ ފައިސާ މިހާރަށް ވުރެ އިތުރުކުރުން ކަމަށެވެ. ޒަކާތުގެ ގޮތުގައި ދައްކާ ފައިސާއިން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މީހާގެ ޒަކާތް ލިބޭ މީހުންގެ ފުދުންތެރިކަން އިތުރުކުރުމަކީ ވެސް އެ އިދާރާ އުފެއްދުމުގެ ބޭނުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަކާތަށް ހާއްސަ އިސްކަމެއް ދެއްވައި ޒަކާތު ހައުސް އުފައްދަވަން މަސައްކަތް ކުރައްވާކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރިން ވަނީ ހާމަކުރައްވައިފަ އެވެ.
"އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ޝަހީމް ވިދާޅުވި ގޮތުގައި ޒަކާތް ހާއްސަވާ މުހިންމު އެއް ސަބަބަކީ އިސްލާމްދީނުގެ ރުހުންތަކުގެ ތެރެއިން ހާޖަތާއި ހާލަތާ ގުޅޭ ގޮތުން ފުޅާ ކުރެވޭ ގޮތަށް އޮތް ހަމަ އެކަނި ރުކުނަށްވުމެވެ.
"މިސާލަކަށް ކިތަންމެ ވަރަށް މީހުން ގިނަވެގެން ދިޔަ ޔަސް ހައްޖުކުރަން އޮންނަ ދުވަހެއް ބަދަލެއް ނުވާނެ އެ ނޫން ދުވަހަކަށް. ނޫނީ ހައްޖު އަހަރަކު ދެފަހަރަކަށް ބަދަލެއް ނުކުރެވޭނެ، ނޫނީ ރަމަޟާން މަހުގެ ރޯދަ ރަމަޞާން މަސް ނޫން އެހެން މަހަކަށް އުޒުރެއް ނެތި ބަދަލެއް ނުކުރެވޭނެ،" އިސްލާމްދީނުގެ އެހެން ރުކުންތަކަށް ބަދަލު ނުގެނެވޭ ކަމުގެ މިސާލުތައް ދައްކަވަމުން ޝަހީމް އޭރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޒަކާތަކީ ހާޖަތާ (މީހުންގެ ބޭނުންތައް އޮތް ގޮތާ) ގުޅިގެން ފުޅާ ކުރެވޭނެ ކަމެކެވެ.













