މާލެ ފިޔަވައި ދިވެހިރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީއަށް ފެނުގެ ހިދުމަތް ދޭން ބޭނުން ކުރި ފެން ޕްލާންޓު ބުރާސްފަތި ދުވަހުން ފެށިގެން ހަލާކުވެފައިވާއިރު، ވެރިރަށް މާލެއިން ދެ ވަނަ ފަހަރަށް ސްޕެއާ ޕާޓްސް ގެނެސް، އަލުން ފެނުގެ ހިދުމަތް ދޭން މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
ގާތްގަނޑަކަށް 20،500 މީހުން ދިރިއުޅޭ އައްޑޫ ސިޓީއަށް ފެނުގެ ހިދުމަތް ދޭ ޕްލާންޓުގެ ހަލާކުވީ، ވީޑީއެފް ޕަމްޕެވެ. އެއީ ފެން ފޯރުކޮށްދޭ ސިސްޓަމުގެ ރެން ރެގިއުލޭޓް ކުރާ ބަޔެވެ. ފެން ދޫކުރާ މިންވަރާއި ބާރުމިން ރެގިއުލޭޓް ކުރާނީ އެ ބައި ބޭނުންކޮށްގެނެވެ. އެ ބައި ހަލާކުވެގެން މުޅި އައްޑޫއިން ފެން ކެނޑުނީ މިދިޔަ ބުރާސްފަތި ދުވަހު މެންދުރެވެ.
"މިއަދު އަލުން ފޮނުވުނު ވީއެފްޑީ އާއެކު، ފެން ޕްލާންޓް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ބާރުމިނުގައި ދަނީ ކުރިއަށް،" މަސައްކަތުގެ ފޮޓޯއަކާއެކު ފެނަކައިން އެކްސްގައި އިރާކޮޅު ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ފެން ޕްލާންޓުގެ ހަލާކުވި ބައި ބަދަލު ކުރަން ހުކުރު ދުވަހު މާލެއިން އިން ވެސް ސްޕެއާ ގެނަ އެވެ. ނަމަވެސް ފެނަކަ ކޯޕަރޭޝަނުން ބުނީ އިއްޔެ ގެނައި ސްޕެއާ ޕާޓުގައި ވެސް މައްސަލައެއް އުޅޭތީ ފެނުގެ ހިދުމަތް ދޭން ނުފެށުން ކަމަށެވެ.
ވީޑީއެފް ޕަމްޕު އިންސްޓޯލް ކުރުމަށްފަހު ފެން ޕްލާންޓަށް ކޮންފިގާކޮށް، ޕްރޮގްރާމް ކުރަންޖެހެ އެވެ. ފެން ދޫކުރެވޭނީ އެއިރުންނެވެ. ފެނަކައިން ބުނީ އެ ކުންފުނިން މިވަގުތު ކުރަމުންދަނީ އެ މަސައްކަތް ކަމަށެވެ.













