ހިޔާ ފްލެޓުތައް ނިންމަން ހިނގި އެވްރެޖު ހަރަދަކީ 200،000ރ. ކަމަށް ބަލައި، ކޮންމެ ފްލެޓަކަށް އެ ފައިސާ ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދު ފުއްދުމަށް ހިޔާ ފުލެޓުތަކުގެ ޖުމްލަ ކުލިން އެއް ލައްކަ ރުފިޔާ ކަނޑާލަން އާބަންކޯއިން ނިންމައިފި އެވެ.
އާބަންކޯއިން މިކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އެވެ. ރަައީސް އިއްޔެ އިއުލާން ކުރެއްވީ ކުރިއަށް އޮތް ހަތް އަހަރަށް ހިޔާގެ ކުލި 3,984ރ. އަށް ކުޑަ ކުރުމަށެވެ.
އެ ލުޔާއެކު ޖުމްލަ އުނިވަނީ 110،000 އެއްހާ ރުފިޔާ އެވެ. ފަޒުލް މިއަދު ވިދާޅުވި ގޮތުން މި ލުޔާއެކު ކުރިން ޖުމްލަ ކުލި ދައްކަން ޖެހޭ މުއްދަތު 27 އަހަރުން 26 އަހަރާއި ތިން މަހަށް ކުރުވާނެ ކަމަށެވެ.
ހިޔާ ފްލެޓުގެ 16 ޓަވަރުގައި 6,720 ފްލެޓު އެބަ ހުއްޓެވެ. އެތަންތަނުގެ ފުރަތަމަ ކުއްޔަކީ މަހަކަށް 7،500ރ. އެވެ. ނަމަވެސް ފްލެޓުވެރިންގެ ޝަކުވާއާއެކު މިދިޔަ ސަރުކާރުން މި އަހަރުގެ މެއި މަހު، ކުލި 5،300ރ. އަށް ކުޑަކުރި އެވެ.
އެއީ ހަތް އަހަރު ދުވަހުގެ މުއްދަތަށެވެ. މި ބަދަލު ގެނައީ ކުލީގެ މުއްދަތު 25 އަހަރުން 27 އަހަރަށް ދިގު ދަންމާލައިގެންނެވެ. އެހެންވެ، މަހު ކުލި ކުޑަވިޔަސް، ޖުމުލަ އަގު ކުޑައެއް ނުވެ އެވެ.

"މިހާރު އިންނަ ގޮތުން ވިއްޔާ ކުރިއަށް އޮތް ހަތް އަހަރަށް ދައްކަން ޖެހޭނީ 5300 މިހާރު އެގްރިމެންޓް ހެދިފައި އޮތް ގޮތުން. އެހެންވީމާ އެ ހަތް އަހަރު ދުވަހަށް ދެން ދައްކަން ޖެހޭނީ މަހަކު 3984.21 ރުފިޔާ. 3،984ރ. އަށް ކުޑަވަނީ ހިޔާ ފްލެޓްތަކުގެ އަގު ކުރިއަށް އޮތް ހަތް އަހަރު ދުވަހަށް، މިހާރު އެގްރިމަންޓަށް ބަދަލެއް އައިސް، މުއްދަތަށް ބަދަލެއް ނައިސް އިފެކްޓިވްލީ ދެ ލައްކަ ރުފިޔާ ކޮންމެ ފްލެޓަކުން އަޅުގަނޑުމެން މި އުނިކޮށްދެނީ،" އިއްޔެ ހެނދުނުން ފެށިގެން ހަވީރު ވަންދެން ބޭއްވި ކެބިނެޓު ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ ނިންމުމާއެކު ރައީސް ވައުދުވެވަޑައިގެންނެވި 200،000ރ. އުނިނުވެ އެެވެ. ނަމަވެސް, މިއަދު އާބަންކޯއިން ހާމަކުރި އެއް ލައްކާ ރުފިޔާއާއެކު، އެކު ޖުމްލަ އުނިވާ ފައިސާގެ އަދަދު 220،000ރ. އަށް އަރާނެ އެވެ.
އެއީ ހަތް އަހަރު ދުވަހުގެ މުއްދަތަށެވެ. މި ބަދަލު ގެނައީ ކުލީގެ މުއްދަތު 25 އަހަރުން 27 އަހަރަށް ދިގު ދަންމާލައިގެންނެވެ. އެހެންވެ، މަހު ކުލި ކުޑަވިޔަސް، ޖުމުލަ އަގު ކުޑައެއް ނުވެ އެވެ.












