ނަދީމްގެ މަރު: ތުހުމަތުވާ މީހުން ދޫވެފައި ތިބޭތާ ދުވަސްވުމުން މުޖުތަމައަށް ނުރައްކާ އޮތްތޯ ސުވާލު އުފައްދައިފި

ފަނޑިޔާރު ހުސްނުއްސުއޫދު; ނަދީމްގެ މަރަށް ތުހުމަތުވާ މީހުން ދޫވެފައި ތިބޭތާ ދުވަސްވުމުން މުޖުތަމައަށް ނުރައްކާ އޮތްތޯ ސުވާލު އުފެއްދެވި

ފަނޑިޔާރު ހުސްނުއްސުއޫދު; ނަދީމްގެ މަރަށް ތުހުމަތުވާ މީހުން ދޫވެފައި ތިބޭތާ ދުވަސްވުމުން މުޖުތަމައަށް ނުރައްކާ އޮތްތޯ ސުވާލު އުފެއްދެވި

ޓާމިނަލް ކެފޭގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ އިބްރާހިމީހިޔާ، ނަދީމް އިބްރާހިމް (ނަޑޭ) މަރައިލި މައްސަލާގައި ތުހުމަތުވާ މީހުން ދޫވެފައި ތިބޭތާ ދުވަސްވުމުން, އެމީހުންގެ ސަބަބުން މުޖުތަމައުއަށް ނުރައްކާ އޮތްތޯ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ސުވާލު އުފައްދަވައިފި އެވެ.

ނަދީމް މަރާލި މައްސަލާގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ. އޭގެ އިތުރުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ރ. އިންނަމާދޫ، ސަމަންތާ، ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލް އަދި ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށް އުފުލި އެވެ.

އެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ކުށް ސާބިނުވާ ކަމަށް ނޮވެމްބަރު 14, 2022 ގައި ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ.

އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން, ދައުލަތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އަދި, އެ އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން އެ މީހުން ބަންދު ކުރުމަށް އެދުނެވެ. އެކަމަކު ހައި ކޯޓުން ނިންމީ އެ އަމުރު ނުދެވޭނެ ކަމަށެވެ.

އެ މައްސަލަ ސުޕްރީމު ކޯޓުގައި އިސްތިއުނާފުކޮށް މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއް ސުއޫދު ސުވާލުކުރެއްވީ, ދައުވާ ލިބޭ މީހުން މިނިވަންކޮށް ތިބޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ވީއިރު, އެމީހުންގެ ފަރާތުން މުޖުތަމައުއަށް ނުރައްކާ އޮތް ކަމަށް ދައުލަތުން ބުނާ މާއްދާ ބަލިކަށި ނުވޭތޯ އެވެ.

ޖަވާބު ދެއްވަމުން ދައުލަތުގެ ފަރާތުން ވަކަލާތު ކުރެއްވި ޕަބްލިކް ޕްރޮސެކިއުޓާ އިބްރާހިމް ނާސިހު ވިދާޅުވީ ދައުވާ ލިބޭ ފަރާތް މިނިވަންކޮށް ތިބޭތާ ދުވަސްވުމަކީ, އެ މީހުންގެ ފަރާތުން މުޖުތަމައުއަށް ނުރައްކާވާ ކަމަށް ބުނާ ބުނުން އޭގެ ޒާތުގައި ބަލިކަށިވާކަން ގަބޫލުކުރައްވާ ކަމަށެވެ.

"އޭގެ ޒާތުގައި އަޅުގަނޑުމެންގެ ބުނުން ބަލިކަށިވޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެހެން ބުނަން ޖެހެނީ ނުވަތަ ހުސްކަމެއް އަންނަނީ ގާނޫނު އޮތްގޮތުން," ނާސިހު ވިދާޅުވި ގޮތުގައި މުޖުތަމައުއަށް ނުރައްކާ އޮތް ކަމަށް ދައުލަތުން ހުށަހަޅަން ޖެހެނީ ނިޒާމުގެ ތެރެއިން އަންނަ ހުސްކަމެއްގެ ސަބަބުންނެވެ.

މިއަދު މި މައްސަލާގައި ބޭއްވި ޝަރީއަތުގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވެސް ވަނީ ދައުލަތާ ސުވާލުކުރައްވާފަ އެވެ. މަހާޒް އެއްސެވީ, ދައުވާ ލިބޭ ފަރާތް ބަންދުގައި ބަހައްޓައިދޭން އެދުން ނޫން ގޮތެއް ނިޒާމުގެ ތެރެއިން ދައުލަތަށް ލިބިގެން ވޭތޯ އެވެ.

މަހާޒް މިހެން އެއްސެވީ, ޝަރީއަތުގެ މަރުހަލާގައި ދައުވާ ލިބޭ ފަރާތްތައް ބަންދު ކުރުމަށްފަހު, އެ މަރުހަލާ ދިގު މުއްދަތަކަށް ދިގުލައިގެން ދިއުމުގެ ކަންބޮޑުވުން ދިފާއީ ވަކީލު ނޫރުއްސަލާމް ތަކުރާރުކޮށް ފާޅުކުރައްވާފައި ވަނިކޮށެވެ. ނޫރުއްސަލާމް ފާހަގަކުރެއްވި ގޮތުގައި ހުކުމަކާ ނުލާ ތުހުމަތުވާ ފަރާތް ދިގު މުއްދަތަކަށް ބަންދުގައި ބެހެއްޓުމަކީ ދައުވާ ލިބޭ މީހުންގެ އަސާސީ ހައްގަށް އުނިކަން އަންނަ ކަމެކެވެ.

ފަނޑިޔާރު މަހާޒްގެ ސުވާލުގެ ޖަވާބުގައި ދައުލަތުން ފާހަގަކުރީ ބަންދު ކުރާ މީހުންނަށް ކަފާލާތުގެ ދަށުން ލިބިދޭ ލުއިތަކުގެ ވާހަކަ އެވެ. އެ ލުއިތައް ފާހަގަކޮށް ވަކީލު ނާސިހު ވިދާޅުވީ މިއީ މަރުގެ މައްސަލައެއް ކަމުން ކަފާލާތުގެ ދަށުން ލިބިދޭ ލުއިތައް މި މައްސަލާގައި ނުލިބޭނެ ކަމަށެވެ.

"އިތުރު ފުރަސަތެއް އެބަ އޮތް. އެއީ ކަފާލާތުގެ ދަށުން މިނިވަން ވުމުގެ ހައްގު. އެ ފުރުސަތު މި މައްސަލާގައި އޮތްތޯ ބަލާއިރުގައި, ދިމާވާ ދައްޗަކީ ނުވަތަ ގާނޫނުން އެކަން ހަނިކޮށްފައި އޮތް ގޮތަކީ މަރުގެ މައްސަލަކަށް ކަފާލާތު ލިބިނުދެވޭ ކުށްތަކެއް ހުރޭ. ގަސްތުގައި މީހަކު މެރިކަމުގެ ތުހުމަތު ކުރެވޭ މައްސަލަތަކުގައި ކަފާލާތެއް ލިބިނުދެވޭ," ނާސިހު ވިދާޅުވި އެވެ.

ނަދީމްގެ މަރުގެ މައްސަލާގައި ތުހުމަތުވާ މީހުންގެ ބަންދާ މެދު ގޮތް ނިންމުމުގެ އިސްތިއުނާފު އަޑުއެހުމެއް އިއްޔެ ވެސް ބޭއްވި އެވެ. މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ދެން މި މައްސަލާގައި އެ ކޯޓުގައި އޮންނާނީ ބަންދާ މެދު ގޮތް ނިންމުމަށް ބާއްވާ އަޑުއެހުމެވެ.

ޓާމިނަލް ކެފޭ ތެރޭގައި ނަދީމް އިންދައި، މޫނު ނިވާކޮށްގެން ވަން ބަޔަކު އޭނާގެ ބޮލަށް ވަޅިން ހަމަލާދިނީ ޖުލައި 27، 2017 ވަނަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރު އެވެ. އޭނާ މަރުވީ އޭގެ ދެ ދުވަސް ފަހުން އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން ހިންގި ކުށަކަށް ވާއިރު، އެ މީހުންގެ މޫނު ފެނުނު ކަމަށް ހެކިބަސް ދިނީ ދައުލަތުން ހުށަހެޅި އެންމެ ދެ ހެކިންނެވެ. ސިއްރު ހެކިންގެ ގޮތުގައި ނެގި އެ ދެ ހެކިން ވަނީ ފަހުން އެ މީހުންގެ ހެކިބަސް އަނބުރާ ގެންދިޔުމަށް އެދި ޝަރީއަތަށް ސިޓީއެއް ފޮނުވައިފަ އެވެ.

ކްރިމިނަލް ކޯޓުގައި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅީ އެ ކަމުގެ މައްޗަށް ބިނާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox